މިދިޔަ މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް އޭގެ ކުރީ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ
2025ވަނަ އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ހޭދަކޮށްފައިވަނީ 2,828,118.28 (ދެމިލިޔަން އަށްލައްކަ އަށާވީސް ހާސް ސަތޭކަ އަށާރަ ރުފިޔާ އަށާވީސް ލާރި)އެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް މަހު 3,811,259.91 ( ތިން މިލިޔަން އަށްލައްކަ އެގާރަހާސް ދުއިސައްތަ ފަންސާސް ނުވަ ރުފިޔާ ނުވަދިހަ އެއްލާރި) ވަނީ ހޭދަކޮށްފައެވެ. މިއީ ގާތްގަނޑަކަށް %34.8 އިތުރުވުމެކެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތަޢުލީމީ ދާއިރާއަށާއި، ކީރިތި ޤުރުއާނާ ގުޅުންހުރި ޕްރޮގުރާމުތަކުގެ އިތުރުން އިޖުތިމާޢީ ފައިދާއަށް ހިންގާ ހަރަކާތްތަކަށެވެ.
އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަޤީރުންނާއި މިސްކީނުންގެ ބައިން 1,179,397.99 (އެއްމިލިޔަން އެއްލައްކަ ހަތްދިހަ ނުވަހާސް ތިންސަތޭކަ ނުވަދިހަ ހަތް ރުފިޔާ ނުވަދިހަ ނުވަ ލާރި) ހޭދަކުރިނަމަވެސް މިއަހަރުގެ އޭޕްރީލް މަހު މި ޢަދަދު ވަނީ 1,449,239.39 (އެއްމިލިޔަން ހަތަރު ލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ތިރީސް ނުވަ ރިފިޔާ ތިރީސް ނުވަލާރި) އަށް އިތުރުވެފައެވެ. މީގެ ތެރެއިން ޟަރޫރީ ބޭނުންތަކަށް ދިން އެހީ 42,500 ރުފިޔާއިން 182,731 ރުފިޔާއަށް ވަނީ އިތުރުވެފައެވެ. އަދި ބޭސްފަރުވާގެ އެހީއަށް ކުރި ހޭދަ 1,136,897.99 (އެއްމިލިޔަން އެއްލައްކަ ތިރީސް ހަހާސް އަށްސަތޭކަ ނުވަދިހަ ހަތް ރުފިޔާ ނުވަދިހަ ނުވަލާރި) އިން 1,266,508.39 (އެއްމިލިޔަން ދެލައްކަ ފަސްދޮޅަސް ހަހާސް ފަސްސަތޭކަ އަށްރުފިޔާ ތިރީސް ނުވަ ލާރި) އަށްވަނީ އިތުރުވެފައެވެ.
ފާއިތުވި އެޕްރީލު މަހު އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައިވަނީ "ފީސަބީލިﷲ" ބައިން ކުރި ހޭދަތަކަށެވެ. އެގޮތުން މިބަޔަށް މިދިޔަ އަހަރުގެ އެޕްރީލު މަހު ހޭދަކޮށްފައިވަނީ 1,103,590.47 (އެއްމިލިޔަން އެއްލައްކަ ތިންހާސް ފަސްސަތޭކަ ނުވަދިހަ ރުފިޔާ ސާޅީސް ހަތް ލާރި) ނަމަވެސް މި އަހަރުގެ އެޕްރީލު މަހު މިޢަދަދު ވަނީ 2,167,016.73 (ދެމިލިޔަން އެއްލައްކަ ފަސްދޮޅަސް ހަތްހާސް ސޯޅަ ރުފިޔާ ހަތްދިހަ ތިން ލާރި) އަށް އިތުރުވެފައެވެ. ސަބަބަކީ އިސްލާމީ ތަޢުލީމާއި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ފުޅާވެފައިވުމެވެ.
މިދާއިރާއިން ހޭދަކުރި ދާއިރާތަކަށް ބަލާއިރު މަތީ ތަޢުލީމު ފުރިހަމަކުރުމަށް ވަނީ 290,274.76 (ދެލައްކަ ނުވަދިހަ ހާސް ދުއިސައްތަ ހަތްދިހަ ހަތަރު ރުފިޔާ ހަތްދިހަ ހަ ލާރި) ހޭދަކޮށްފައެވެ. އަދި
ޙާފިޛުން އުފެއްދުމުގެ ޕްރޮގްރާމްތަކާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށްޓަކައި 1,093,749.47 (އެއް މިލިޔަން ނުވަދިހަ ތިންހާސް ހަތްސަތޭކަ ސާޅީސް ނުވަ ރުފިޔާ ސާޅީސް ހަތް ލާރި) ހޭދަކުރިއިރު އަތޮޅު ތެރޭގައި ޤުރުއާން ސެންޓަރުތައް ބިނާކުރުމަށް 782,992.50 (ހަތް ލައްކަ އަށްޑިހަ ދެހާސް ނުވަސަތޭކަ ނުވަދިހަ ދެ ރުފިޔާ ފަންސާސް ލާރި) ވަނީ ހޭދަކޮށްފައެވެ.
ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަތައް ހިމެނޭ "ޢާމިލުން"ގެ ބައިން ކުރި ހޭދަ ވަނީ ބޮޑުތަނުން ދަށްވެފައެވެ. މިދިޔަ އަހަރުގެ އެޕްރީލު މަހު މި ބައިން 483,077.82 (ހަތަރު ލައްކަ އަށްޑިހަ ތިންހާސް ހަތްދިހަ ހަތްރިފިޔާ އަށްޑިހަ ދެލާރި) ހޭދަކޮށްފައިވާއިރު، މި އަހަރުގެ އެޕްރީލު މަހު މި އަދަދު ވަނީ 195,003.79 (އެއްލައްކަ ނުވަދިހަ ފަސްހާސް ތިން ރުފިޔާ ހަތްދިހަ ނުވަ ލާރި) އަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް %60 ދަށްވުމެކެވެ.
މީގެ އިތުރުން "އިބްނުއްސަބީލް"ގެ ބައިން މިދިޔަ އަހަރުގެ އެޕްރީލު މަހު 62,052 ރުފިޔާ ހޭދަކޮށްފައިވީ ނަމަވެސް، މިއަހަރުގެ އެޕްރީލު މަހު މި ބައިން އެއްވެސް ޚަރަދެއްކޮށްފައެއް ނުވެއެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މުދަލުޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 (ފަސްމިލިޔަން ހަތަރުލައްކަ ތިރީސް ހަތަރު ހާސް އަށްސަތޭކަ ނުވަދިހަ ތިން) ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު %53.8 ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއީ %8.9 ކުރިއެރުމެކެވެ.