ޚަބަރު

"ވުޒާރާތަކަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާ ދަނީ ފެންނަމުން"


  • ސިޔާސަތުތައް ތަންފީޒުކުރުން ގޯސްކޮށްދާނަމަ އެކަން ރަނގަޅުކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށް ވިދާޅުވި

  • ކުރިއަށް އޮތްތަނުގައިވެސް ހިންގުން އިތުރަށް ހަރުދަނާކުރުމަށް އަޅުއްވަންޖެހުނު ފިޔަވަޅެއް އަޅުއްވާނެ

ސަރުކާރުގެ ވުޒާރާތަކަށް ގެންނެވި ބަދަލުތަކުގެ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އެގޮތުން، އެމަނިކުފާނު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލަކީ ރައްޔިތުން ބޭނުންވާގޮތަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގެންނެވި މުހިންމު ބަދަލެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ރައްޔިތުން ބުނެދިނީ އެމަނިކުފާނު ބަދަލުތައް ގެންނަވަންޖެހޭކަން ކަމަށެވެ. ސިޔާސަތުތައް ތަންފީޒުކުރުން ގޯސްކޮށްދާނަމަ އެކަން ރަނގަޅުކުރުމުގެ ގާބިލުކަން އެމަނިކުފާނުގެ ހުންނަވާނެ ކަމަށާއި ވުޒާރާތަކަށާއި ވަޒީރުންގެ މަޖިލީހަށް ބަދަލުގެންނެވީ އެ ވިސްނުންފުޅުގައި ކަމަށް ވިދާޅުވިއެވެ.

މި ނިންމެވުންތަކުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އަޅުއްވަންޖެހުނު ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

"އެކީގައި އެފިޝަންސީ ވަރަށް މަތިކުރެވިއްޖެ މިހާރު ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަލާއިރުގައި. އޭގެ މާނައެއް ނޫން ކުރީގެ މިނިސްޓަރުން ފަރުވާތެރިކަމާއެކު މަސައްކަތް ނުކުރެއެކޭ. އެކަމަކު އެއަށްވުރެ ރަނގަޅަށް ކުރަން ބޭނުންވެގެން އަޅުގަނޑު ގެންނަން ބޭނުންވި ބަދަލުތަކެއް ގެނައީ. ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތްތައް ބަލަމުންދާއިރު އަޅުގަނޑަށް ފެނޭ މިގެނައި ބަދަލުގެ ހެޔޮ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާކަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ފާއިތުވެދިޔަ ދުވަސްތަކުގައި ވުޒާރާތަކުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ކުރެވުނު މަސައްކަތުން ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ވުޒާރާއިން ޖަވާބުދާރީވާ މުއްދަތު ކުޑަކުރެވިފައިވާ ކަމަށެވެ. އެގޮތުން، މީގެ ކުރިން އެވްރެޖުކޮށް އެ ދަރިވަރުން ހުށަހަޅާ ކަންކަން ޕްރޮސެސްކުރުމަށް 4 ހަފުތާ ނަގާއިރު މިހާރު ނަގަނީ 4 ދުވަސް ކަމަށާއި ކުރިއަށް އޮތްތަނުގައި އެއަށްވުރެވެސް އެ މުއްދަތު ކުޑަކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ އިތުރުން ވުޒާރާތަކުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދުވެސް މަދުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިއަށްގެންދަނީ މަސައްކަތުގެ ރިވިއުއެއް ހެދުމަށްފަހު ކަމަށެވެ. އަދި ރައްޔިތުންނަށް ވުޒާރާތަކުން ޖަވާބުދާރީވުން އިތުރަށް ހަރުދަނާ ކުރުމަށްވެސް އިރުޝާދު ދެއްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.