އައްޑޫ ސިޓީ ލިންކްރޯޑު މަރާމާތުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު ފޮނުވާފައިވާ ކަމަށާއި، މަގު ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫޢު ކުރިޔަށްގެންދާ ކުންފުނި މޯލްޑިވްސް ރޯޑް ޑިވެލޮޕްމްންޓް ކޯޕަރޭޝަން، އާރްޑީސީން ވިދާޅުވެއްޖެއެވެ.
3 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫޢުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.
އާރްޑީސީން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އައްޑޫ ލިންކްރޯޑް އަދި މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވާފައިވާ ކަމަށާއި، މަގުހެދުމަށް ކުރަންޖެހޭ ހުރިހާ ސާވޭއެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ މަގު ފުޅާކޮށް، އިތުރު ލޭންތައް ހެދުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް މަގު ކޮށައި އަލިކުރުމުގެ މަސައްކަތް ކަމަށް އާރްޑީސީން މައުލޫމާތުދެއްވައެެވެ.
ދައުލަތުގެ ބަޖެޓުން ޖުމްލަ 829 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢަށް ބޭނުންވާ ސާމާނުގެ ތެރޭގައި ހިމެނޭ ބޮޑެތި އުޅަނދުތަކުގެ އިތުރުން އެހެނިހެން މުހިންމު ސާމާނުތައް މިހާރު ވަނީ އެރަށަށް ފޮނުވާފައެވެ. މިމަޝްރޫޢުގެ އަމަލީ މަސައްކަތް ދީފައިވާ މުއްދަތުގެ ކުރިން ނިންމާލުމަކީ އާރްޑީސީން ކަނޑައަޅާފައިވާ އަމާޒު ކަމުގައި އެކުންފުނިން ވިދާޅުވެއެވެ.
އާރްޑީސީން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި މީގެ ތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނޭ ކަމަށެވެ. އަދި ސީޓީބީ މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމާއި، ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުން ހިމެނެއެވެ. މި މަޝްރޫއު ކުރިއަށްދަނީ، ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތުން މުޅި އައްޑޫ ސިޓީގައި ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.
އައްޑޫ ސިޓީ ލިންކު ރޯޑް ހެދުމުގެ މަޝްރޫޢުގެ ދަށުން މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދު ތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި.#TeamRDC pic.twitter.com/Gqhy9hCzdU
— Road Development Corporation Ltd (@rdcmaldives) May 20, 2026
އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނަގައި، ހައިވޭގެ 4 ލޭން ހިމެނޭ ސަރަހައްދުތަކުން ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އާރްޑީސީން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ދުވާރު ހަދައި، މަގުމަތީގެ ނިޝާންތައް ހަރުކޮށް، ބައިބައި ވަކިކުރުމަށް ފާރު ބިނާކުރުން ފަދަ އިތުރު މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް އާރުޑީސީން ވިދާޅުވެއެވެ.
2003ވަނަ އަހަރު އައްޑޫ ލިންކް ރޯޑު ބޭނުންކުރަން ފެށިފަހުން އެކި ދުވަސްވަރު މަތިން މިމަގު މަރާމާތު ކުރި ނަމަވެސް މަގުގެ ހާލަތު އޮތީ، ވަރަށް ދަށްކޮށް ކަމަށް އެރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. އަދި މި މަގުގެ ފެންވަރު ދަށްވުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި މިމަގުގައި ނުރައްކާތެރި އެތައް ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި ބައެއް ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލި ފޫނުބެއްދޭ ވަރުގެ ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވެއެވެ.