ސަރުކާރުގެ އަމާޒަކީ މިހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމު ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުންކަމަށް މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
"ހަށިހެޔޮ ރާއްޖެ" ރީޖަން 2، ބ. އޭދަފުށީގައި އިފްތިތާހްކޮށްދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުވުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިޒް އިސްނެންގެވުމުގެމަތިން ކުރިއަށްގެންދާ ޤައުމީ މަސައްކަތެއްކަމަށެވެ.
ރާއްޖެއަކީ ގައިންގަޔަށް ނާރާ ބަލިތަކާ ދުރު، ހަށިހެޔޮ ދުޅަހެޔޮ އާބާދީއެއް ނިސްބަތްވާ ގައުމަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، ވަކި ލަނޑުދަނޑިއެއްކަނޑައަޅާ އެއަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތް، ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން ހަރުދަނާ ގޮތެއްގައި ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"މިއީ ގައުމީ ލެވެލްގައި އަޅުގަނޑުމެން ސިއްހަތަށް އަދި ކަސްރަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި ޕްރޮގްރާމު ކުރިއަށް ގެންދަން ގަސްދުކޮށްފަ މިއޮތީ. އަދި ކުރިއަށް ގެންދަންވެސްމެ، އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ނިމޭއިރުގައި ކޮންމެ ރަށެއްގައިވެސް މި ޕްރޮގްރާމު ރެގިއުލާކޮށް ހިންގޭނެގޮތަކަށް އިންތިޒާމު ހަމަޖެއްސުން" ވަޒީރު ވިދާޅުވިއެވެ.
"ހަށިހެޔޮ ރާއްޖެ" މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާރޓްމަންޓްގެ ބެލުމުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގޭ ޤައުމީ ޕްރޮގްރާމެކެވެ.
އެގޮތުން ކޮންމެ ރަށެއްގައިވެސް މި ޕްރޮގްރާމް ރާވާ ހިންގާނީ އެރަށެއްގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޕޯޓްސް ކައުންސެލަރެވެ. އަދި މި ޕްރިގްރާމު ހިންގުމުގައި ރަށުން ލިބެންހުރި ވަސީލަތްތަކާއި ރަށުގައި އެކަމުން ތަމްރީނުލިބިފައިވާ ފަރާތްތައް ބޭނުންކުރުމަށް އިސްކަންދެއްވަންވާނެކަމަށް ވަޒީރުވަނީ ހާމަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ މި ހަރަކާތުގެ ދަށުން ތަމްރީނުވެގެންދާ ސްޕޯޓްސް ކައުންސެލަރުން މެދުވެރިކޮށް އެރަށެއްގައި ކަސްރަތު ޕްރޮގްރާމުތައް ހިންގޭނެކަމަށެވެ. އެގޮތުން މަދުވެގެން ހަފްތާއަކު ތިން ދުވަހު ކޮންމެ ދުވަހަކު 45 ވަރަކަށް މިނިޓްގެ ކަސްރަތު ހަރަކާތްތަކެއް ރަށުގެ ކުދިބޮޑު އެންމެންނަށް ބައިވެރިވެވޭނެހެން ކުރިއަށް ގެންދާނެކަމަށް ވަޒީރު މައުލޫމާތުދެއްވިއެވެ.
"އަޅުގަނޑުމެންގެ ސްޓާފުން މެދުވެރިކޮށް، އަދި އެރަށެއްގައި ތިބި ކަސްރަތަށް ލޯބިކުރައްވާ ބޭފުޅުން މި ޕްރޮގްރާމުގައި ބައިވެރިވެ، ހަފްތާއަކު މަދުވެގެން ތިން ދުވަހު، ކޮންމެ ދުވަހަކުވެސް 45 ވަރަކަށް މިނިޓް ކަސްރަތުކުރަން އާންމުންނަށް ހުޅުވާލައިގެން މި ޕްރޮގްރާމު ކުރިއަށް ގެންދިއުން" ވަޒީރު ވިދާޅުވިއެވެ.
ސިއްހީގޮތުން ދުޅަހެޔޮ މުޖުތަމަޢަކަށް ރާއްޖެ ހެދުމަށް ކުރިއަށް ގެންދާ ގައުމީ މި ހަރަކާތަށް މިހާތަނަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަމުން ދައްކުވައިދެނީ ރާއްޖެއަކީ ދުޅަހެޔޮކަމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ގައުމެއްކަންކަމަށާ މިހަރަކާތުގައި ބައިވެރިވަމުންދާ ރައްޔިތުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ދިއުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވެވޭނެކަމުގެ އަލިގަދަ ހެއްކެއްކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
"ވަރަށް ގިނަ ރަށްރަށުން، ވަރަށް ގިނަ ބޭފުޅުން މި ޕްރޮގްރާމަށް އަހަންމިއްޔަތުކަން ދޭތަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ. ވަރަށް ގިނަ ބޭފުޅުން ބައިވެރިވާން ބޭނުން. އަދި އަމުދުން އަލަށް ފަށާ ތަންތަނުގައި، ދެދުވަސް ތިންދުވަސްވާއިރުގައި ވަރަށް ގިނަ ބޭފުޅުން އެ ޕްރޮގްރާމާއި ޖޮއިންކުރާތަން އެބަ ފެނޭ. މިއީ އާންމު ރައްޔިތުން މިކަންކުރަން ބޭނުންވާކަމުގެ ވަރަށް ބޮޑު ހެއްކެއް" ވަޒީރު ވިދާޅުވިއެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރާއި ކަސްރަތު ޕްރޮގްރާމްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުރިއަށް ގެންދިއުންކަމަށްވާއިރު، މި ޕްރޮގްރާމުގެ ދަށުން އާންމުންނަށް ކަސްތަރުކުރާނެ ރަނގަޅުގޮތްތައް ބުނެދިނުމާއި ކެއުމުގައި މިންހެޔޮ ރަނގަޅު ކާނާ ބޭނުންކުރުމަށއަހުލުވެރިކުރުން ހިމެނެއެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރަމުންދާ ގައުމީ މިމަސައްކަތުގައި ކޮންމެ ރަށަކަށްވެސް އެރަށަކާ ގުޅޭގޮތަކަށް ކަސްރަތުގެ ހަރަކާތްތައް ބައްޓަންކުރުމުގެ ފުރުސަތު ހުޅުވިފައިވާކަންވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
މި ޕްރޮގްރާމަކީ މޫދު ކަސްރަތާ އަދި އެއްގަމު ކަސްރަތާ ދެބައިން ކުރިއަށްގެންދާ ކަމަކަށްވާތީ، އެރަށެއްގައި ނުވަތަ އެކޮމިއުނިޓީއެއްގައި އެންމެ ބޭނުންވާ ގޮތަކަށް ފަރުމާކޮށްގެން އަޅުގަނޑުމެން ގެންދާ ޕްރޮގްރާމަކަށްވާތީވެ، ވަރަށް ބޮޑަށް ތަރުހީބެއް ލިބެމުންދަނީ" ވަޒީރު ވިދާޅުވިއެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގާރާމުގެ ރީޖަން 2 ބ. އޭދަފުށީގައި އިފްތިތާހްކޮށްފަވާއިރު، އެހަރާކާތުގައި ނ. ރ. ބ އަދި ޅ. އަތޮޅު ހިމެނޭހެން ޖުމްލަ 60 ފަރާތަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި 17 ސްޕޯޓްސް ކައުންސިލަރުން ހިމެނޭއިރު، އެފަރާތްތަކުން އެނބުރި ރަށަށްގޮސް މި ހަރަކާތް ރަށުގައި ހިންގުމަށްވަނީ ލާޒިމްކޮށްފައެވެ.