މާލެއާއި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑެން މެދުވެރިވީ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމަށްފަހު ދިމާވި މައްސަލައަކުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ވިދާޅުވެއްޖެއެވެ.
ރޭ 3 ޖެހިއިރުން ފެށިގެން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަގްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ވަނީ، ކޮށްފައެވެ. އެއަށްފަހު މިއަދު މެންދުރު މުޅި މާލެއިންނާއި، ހުޅުމާލެއިން ކަރަންޓު ކެނޑުނެވެ. އަދި ކަރަންޓު ލިބިފައިވަނީ، 3 ގަޑިއެއްހާއިރު ފަހުންނެވެ.
ކަރަންޓު ކެނޑެން މެދުވެރިވި ސަބަބާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމަށް އިންޖީނު އެއްކޮށް ނިއްވާލުމަށްފަހު އެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ރޭ ކޮށްފައިވާ މަސައްކަތަކީ، ނެޓްވޯކްގެ ސިސްޓަމް ފޯލްޓް ލެވެލް ދަށްކުރަން ޖެހުމާއި، ކެޕޭސިޓީ އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ.
ޢަލީ އަޒުވަރު ވިދާޅުވީ، ޕްލޭން ކުރި ގޮތަށް އެ މަސައްކަތްތައް ކުރިއަށްދިޔަ ނަމަވެސް ސިސްޓަމް އަޕްގްރޭޑް ކުރުމަށްފަހު މައްސަލައެއް ދިމާވެ މުޅި މާލެއިންނާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ކަމަށެވެ.
"މި މަސައްކަތުގެ ދަށުން ކުރި އެއްކަމަކީ، ޕީއެލްސީ ސްފްޓްވެއަރ އަދި ފޯމްވެއަރ އަޕްޑޭޓް ކުރުން. އެ މަސައްކަތް ނިންމުމަށްފަހު އެއާ ގުޅުން ހުރި ބައެއް މައްސަލަތައް ހުރިކަން ދެނެގަނެވުނު. އެކަމާ ގުޅިގެން ކުރިމަތިވި ކަމެއްގެ ސަބަބުން އިންޖީނުގެއިން ކަރަންޓު ކެނޑިގެން މާލެއާއި ހުޅުމާލެއިންވެސް ކަރަންޓު ކެނޑުނީ." ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވިއެވެ.
ސްޓެލްކޯގެ ޗީފް ޓެކްނިކަލް އޮފިސަރ އަޙްމަދު އިޤްބާލް ވިދާޅުވީ، ސޮފްޓްވެއަރ އަޕްޑޭޑް ކުރުމުގެ މަސައްކަތަކީ މުސްތަޤުބަލުގައި ފައިދާވާނެ ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް ކޮށްފައިވަނީ، އެކަމަށް ޚާއްސަ އިންޖިނިއަރުންނާއެކު ކަމަށާއި، ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ނޫވާނެހެން ކަންތައްތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ޕީކަށް ގެންނަ ޖެނެސަޓްތައް ގުޅަން ނެޓްވޯކަށް ގެންނަން ޖެހޭ ފްލެކްސިބިލިޓީ ފަދަ ކަންތައްތަކަށް ގެނައުމަށް އިންޖީނުގެ ނިވާލައިގެން ކުރަން ޖެހުނު މަސައްކަތެއް ކުރީ." ސްޓެލްކޯގެ ޗީފް ޓެކްނިކަލް އޮފިސަރ އަޙްމަދު އިޤްބާލް ވިދާޅުވިއެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، ރޭ ކުރިއަށް ގެންދިޔަ އަޕްގްރޭޑިންގެ މަސައްކަތުގައި އިންޖީނުގޭގައި ހުރި ބޮޑެތި މެކޭނިކަލް ގިނަ މަސައްކަތްތަކެއް ނިންމާލާފައިވާ ކަމަށެވެ. އެގޮތުން ސީވޮޓާ ސިސްޓަމްގައި މައްސަލަ ޖެހިފައި ހުރި ހަތަރު ވޭލެއް ބަދަލުކުރި ކަމަށެވެ.
" ހުޅުމާލޭގެ ފޭސް 2ގައި ހައިވޯލްޑް ސަބްސްޓޭޝަންގައި ހުރި ޓްރާންސްފޯމަރެއް ނިވާލައިގެން މަސައްކަތެއްކޮށްފައި ޓްރާންސްފޯމަރ އެނަޖައިޒް ކުރުމުގެ މަސައްކަތް ވާނީ ކޮށްފައި. އެއާޕޯޓުގައި އިން ހައިވޯލްޑް ސަބްސްޓޭޝަންގައި ޓްރާންސްފޯމަރެއް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިން." ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވިއެވެ.
މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔަ ވަގުތު ކަރަންޓުގެ ޑިމާންޑް ކުރީ، ގާތްގަނޑަކަށް 100 މެގަވޮޓުގައި ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އެވަގުތު ކުއްލިއަކަށް ލޯޑު ބޮޑުވުމާއެކު އިތުރު ޖަނަރޭޓަރުތައް ޖައްސާ ކަރަންޓު ދިނުމަށް ދަތިތަކެއް ކުރިމަތިވިއެވެ. ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުން ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ނިންމާލި ނަމަވެސް ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށްފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ.