ޚަބަރު

ހުޅުމާލެ ޖަލުގެ އައު ޔުނިޓެއް ކޯވިޑް ފެސިލިޓީގެ ބައެއްގައި ހުޅުވައިފި


  • އައު ޔުނިޓުގެ ފުރަތަމަ ގޮޅިއަކީ 16 މީހުންގެ ޖާގައިގެ ތަނެއް

  • ޔުނިޓުގެ މަސައްކަތް އެއްކޮށް ނިމުމުން 140 މީހުންގެ ޖާގަ އިތުރުކުރެވޭނެ

ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްކުރާ މަސައްކަތުގެ ދަށުން ގައިދީން ބައިތިއްބާނެ އައު ޔުނިޓެއް ހުޅުވައިފިއެވެ. މި ޔުނިޓް ހުޅުވާފައިވަނީ ހުޅުމާލޭގައި ކޯވިޑް ފެސިލިޓީގެ ބައެއްގެ ގޮތުގައި ބޭނުންކުރި އިމާރާތުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ ކޯވިޑް ފެސިލިޓީގެ ބައެއްގެ ގޮތުގައި ބޭނުންކުރި މި އިމާރާތް ދެން ބޭނުންކުރާނީ ހުޅުމާލެ ޖަލުގެ 6ވަނަ ޔުނިޓްގެ ގޮތުގައެވެ. ޖަލުގެ އައު ޔުނިޓެއް ޤާއިމްކުރީ މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ގައިދީން ބައިތިއްބުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުމުންނެވެ. މާލޭ ޖަލު ބަންދުކޮށްފައިވަނީ 6 ޖަނަވަރީ 2024 ގައެވެ. އޭރު ޖަލު ބަންދުކުރަން ނިންމީ ޖަލާ އިންވެގެން ސްކޫލްތަކެއް ހުރުމުންނެވެ.

މި މަސައްކަތާއި ގުޅޭގޮތުން ހުޅުމާލެ ޖަލުގެ ޑައިރެކްޓަރ، ޑީއެސްޕީ އަޙްމަދު ޖާދުﷲ ވިދާޅުވީ، މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ގައިދީން ބައިތިއްބުމަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޔުނިޓް 6 ތަރައްގީ ކުރަނީ ޖުމްލަ 5 ގޮޅީގެ މައްޗަށެވެ. މި މަސައްކަތް އެއްކޮށް ނިމުމުން 140 ޖާގަ އިތުރުވާނެ ކަމަށާއި، މުޅި މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުޅުމާލެ ޖަލުގެ ޔުނިޓް 6 އަކީ 5 ގޮޅީގެ މައްޗަށް އެކުލެވޭ ޔުނިޓެއް. މީގެ ތެރެއިން އެއް ގޮޅީގެ މަސައްކަތް ނިމި މިހާރު ވަނީ ބޭނުންކުރަން ފަށާފައި. އެއީ 16 މީހުންގެ ޖާގައިގެ ގޮޅިއެއް. ބާކީ ހުރި 4 ގޮޅި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ. މި ޔުނިޓްގައި ޖުމްލަ 56 މީހުންގެ ޖާގަ ހުންނާނެ،" ޖާދުﷲ ވިދާޅުވިއެވެ.

އައު ޔުނިޓްގެ ގޮޅިތަކުގައި ގައިދީން ނިދުމަށް ބަންކު ބެޑު ބަހައްޓާފައިވާއިރު، އޭސީ އާއި ފަންކާ ވެސް ވަނީ ހަރުކޮށްފައެވެ. މީގެ އިތުރުން، މި ޔުނިޓްގައި މެސް ރޫމަކާއި، ނަމާދު ކުރާނެ ކޮޓަރިއަކާއި ލޯންޑްރީއެއް ވެސް ވަނީ ގާއިމްކޮށްފައެވެ. މިތަން ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދަނީ ޖަލުގައި ތިބި މަސައްކަތްތެރި ގައިދީންނާއި ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެންނެވެ.

ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޖަލުތަކަށް ޖުމްލަ 400 ގައިދީންގެ ޖާގަ ވަނީ އިތުރުކޮށްފައެވެ.