ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފި


  • އެ މީހުން ހައްޔަރުކޮށްފައިވަނީ ސ. މީދޫއިން

  • އެމީހުން އަތުން 209 ރަބަރު ޕެކެޓު ފެނިފައިވޭ

  • މި ތަކެތީގެ ވަގުތީ ބަރުދަނަކީ 18.16 ގުރާމް

މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް މަސްތުވާތަކެތި ހިފައިގެން ދާކަމުގެ މައުލޫމާތު ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މިރާޒް، ސ. މީދޫ، އީޖާޒް ނަޢީމް (43އ) އާއި ގުޑްލަކް، ސ. ހިތަދޫ، ޢަބްދުﷲ ޢަމީލު (41އ) ކަމަށެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 209 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 18.16 ގުރާމެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށްވަނީ އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.