ޚަބަރު

ފުޓުބޯޅަ އަސްލު މަގާމަށް ގެނެސްދިނުމުގައި ރައީސްގެ ދައުރު ބޮޑު: ޠާރިޤް


  • ދިވެހި ފުޓުބޯޅަ ކުރިއެރުވުމުގައި ރައީސަކީ މުހިންމު ހިއްސާދާރެއް

  • މިއަދަކީ ދުނިޔޭގެ ފުޓުބޯޅަ ދުވަސް

ދިވެހި ފުޓުބޯޅައިގެ ހަގީގީ މަގާމު އަލުން ހޯއްދަވައިދެއްވަން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސް އަޙްމަދު ޠާރިޤް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަށާއި، ދިވެހި ސަރުކާރަށް ޝުކުރު ދަންނަވައިފިއެވެ.

ދުނިޔޭގެ ފުޓުބޯޅަ ދުވަހާ ގުޅިގެން މީސްމީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއް ރިޕޯސްޓު ކުރައްވައި ޠާރިޤް ވިދާޅުވީ، ރައީސް މުއިއްޒުއާއި ދިވެހި ސަރުކާރަކީ ދިވެހި ފުޓުބޯޅައިގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމަށެވެ.

މިފަދަ މުހިންމު ޒިންމާއެއް ނަންގަވައި، ދިވެހި ފުޓުބޯޅައިގެ ކުރިއެރުމަށް، ޙާއްސަ ގޮތެއްގައި ފުޓުބޯޅަ އޭގެ އަސްލު މަގާމަށް ވާސިލްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ސަރުކާރުން ދަނީ މުހިންމު، ކާމިޔާބު މަސައްކަތްތަކެއް ކުރައްވަމުން ކަމަށާއި، އެކަމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަންގެ ނަމުގައި ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވާކަމަށް ޠާރިޤް ވިދާޅުވިއެވެ.

ދުނިޔޭގެ ފުޓުބޯޅަ ދުވަހާ ގުޅިގެން ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައި ރައީސް ވަނީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށް ގެންގުޅޭ ތަސައްވުރާއި އަޒުމުގައި މިސަރުކާރު އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވަވާފައެވެ.

ފުޓުބޯޅައިގެ އުމްރާނީ ވަޞީލަތްތައް ތަރައްގީކޮށް ކުރިއެރުވުމާއި، ފީފާއިން ގަބޫލުކުރާ ފެންވަރުގެ ފުޓުބޯޅަ ދަނޑުތައް އެޅުމުގެ އިތުރުން، އިސްލާހުކުރެވިފައިވާ ކުޅިވަރުގެ ޤާނޫނާއެކު، ކުޅިވަރު ލާމަރުކަޒީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތަކީ އެކަމުގެ ހެއްކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތްތައް ބޭއްވޭނެ މަގު ފަހިކުރުމަށް ސަރުކާރުން ޙާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، މީގެ ސަބަބުން ދިވެހި އެތުލީޓުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ބޭނުންވާ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.