ޚަބަރު

ޙައްޖު މޫސުމަށް މުޤައްދަސް ސަރަޙައްދުތައް ތަރައްޤީ ކުރުމުގެ 25 މަޝްރޫޢު


މި އަަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން މުޤައްދަސް
ބިންތައް ތަރައްޤީ ކުރުމަށް 25އަށްވުރެ ގިނަ މަޝްރޫޢު ހިންގާފައިވާ ކަމަށް އެ ޤައުމުގެ ޙައްޖާއި ޢުމްރާއާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާގެ ތަރުޖަމާނު، ޣައްސާން އަލް-ނުވައިމީ ވިދާޅުވީ މި އަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމަށް ހިންގާފައިވާ މަޝްރޫޢުގެ ޢަދަދު މިދިޔަ އަހަރާ އަޅާބަލައިއިރު 100 އިންސައްތަ އިތުރުވާނެ ކަމަށެވެ. އެ މަޝްރޫޢުތަކުގެ ތެރޭގައި މިނާގައި ތިބެވޭ ޙައްޖުވެރިންގެ ޢަދަދު އިތުރުކުރުމާއި، އެ ސަރަޙައްދުގައި 54،000އަށްވުރެ ގިނަ ފޭލިގެ ޖެހުން ހިމެނެއެވެ. އަދި މުޤައްދަސް ސަރަަޙައްދުތަކުގައި 60،000އަށްވުރެ ގިނަ ގަސް އިންދުން ހިމެނެއެވެ.

މުޤައްދަސް ސަރަޙައްދުތައް ފެހި ކުރުމަށް 2025ވަނަ އަހަރު ފެށި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ވައި ސާފުކުމާއި، ޙައްޖުވެެރިންނަށް ހިތްހަމަޖެހޭ ތަޖުރިބާއެއް ހޯދައިދިނުމެވެ. 60،000 ގަސް އިންދުމުން މުޤައްދަސް ސަރަޙައްދުތަކުގެ ފެހިކަން ތިންގުނައަށް އިތުރުވާނެއެވެ.

އެ އިދާރާއިން އިތުރަށް ބުނީ މުޤައްދަސް ބިންތަކުގައި ހުންނަ މީގެ ކުރިން މަދުން ބޭނުންކުރެވޭ ނުވަތަ ބޭނުން ނުހިފޭ ސަރަޙައްދުތައް މިހާރު ބޭނުން ހިފޭ ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ސަރަޙައްދުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ޙައްޖުގެ އަޅުކަން ޢަދާކުރާ ޙައްޖުވެރިންގެ ޢަދަދު ގާތްގަނޑަކަށް 70،000ން އިތުރުވެފައިވާއިރު، މުޅިއަކު 209،000 ޙައްޖުވެރިންގެ ޖާގަ އިތުރުވެފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. މި އަަހަރުގެ ޙައްޖު މޫސުމުގައި ކުރި މަސައްކަތްތަކުގެ ސަބަބުން 87،000 މީހުންނަށް އެ ސަރަޙައްދުތަކުގެ ބޭނުން ހިފޭ ކަމަށް ބުނެފައިވެއެވެ.

ޙައްޖު މަހުގެ 8ވަނަ ދުވަހު ޙައްޖުުވެރިން މިނާއަށް ގެންދިޔުމަށް ވެސް ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން ވަނީ ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސައިފައެވެ. އެ ގޮތުން ޙައްޖުވެރިން އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ގެންދިޔުމުގައި ޚާއްޞަ ނިޒާމެއް ބޭނުންކޮށްފައިވާއިރު، އެ ނިޒާމުގެ ތެރޭގައި ޚިދުމަތުގެ ފެންވަރު ބެލުމާއި، ކަމާ ގުޅުންހުރި އިދާރާތަކާއެކުގައި މަސައްކަތް ކުރުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އޭގެ އިތުރުން ޙައްޖުވެރިންނަށް އިރުޝާދު ދިނުމާއި، ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.