ޚަބަރު

މާލޭގެ 25 މިސްކިތެއްގައި އަޟްހާ ޢީދު ނަމާދު ކުރާނެ


  • ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00ގައި

  • މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަސް

މިއަހަރުގެ އަޟްހާ ޢީދު މާލޭގެ 25 މިސްކިތެއްގައ ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. އަދި މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމާއި މަސްޖިދު މަލިކި ސަލްމާންގެ އިތުރުން މާލެ ސަރަހައްދުގައި 4 ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާނެއެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ.

މިއަހަރުގެ ޢަޟްހާ ޢީދު މާލެއާއި، ވިލިމާލެ އަދި ހުޅުލޭގައިވެސް ބޮޑުޖަމާޢަތުގައި ކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަޟްޙާ ޢީދު ނަމާދު މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާނެއެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ. މި ތަންތަނުގައި ބޮޑު ޖަމާޢަތުގައި ނަމާދުު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން 25 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މާލެ 4 ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އަޟްހާ ޢީދު ނަމާދުކުރާއިރު މީގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢީދު ނަމާދު ބޮޑ ޖަމާއަތުގައި ކުރާނީ ޒުވާން ޚަޠީބު އަލްހާފިޒް މުހައްމަދު ހަނޫން ހުސެއިންއެވެ.

މާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
މަސްޖިދު މަލިކި ސަލްމާން
މަސްޖިދުލް ފުރްޤާން
މަސްޖިދުއް ނޫރު
މަސްޖިދުއް ޝަހީދު ޢަލީ
މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް)
މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
މަސްޖިދު ޞަލާޙުއްދީން
މަސްޖިދު ޖަލާލުއްދީން
މަސްޖިދު އިބްރާހީމް
މަސްޖިދު އިސްކަންދަރު
މަސްޖިދު ޔޫސުފުލް ބަރުބަރީ
މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)
މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
މާފަންނު އާ މިސްކިތް

ހުޅުމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް

މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ
މަސްޖިދު ރަޝީދު
މަސްޖިދު ޢަޒީޒާ މޫސާ
މަސްޖިދު އަޞްދީޤާ
މަސްޖިދުލްވާލިދައިނި
މަސްޖިދުލް ޙަސަން އާދަމް
މަސްޖިދު އުޘްމާން ބިން ޢައްފާން

ވިިލިމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، މަސްޖިދުއް ސަލާމުގައެވެ.

ފަހަކަށް އައިސް ފިޠުރު ޢީދާއީ އަޟްހާ ޢީދު ނަމާދު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޮޑު ޖަމާޢަތުގައި އަންނަނީ ކުރަމުންނެވެ. ނަމަވެސް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ބޮޑު ޖަމާޢާތުގައި ޢީދު ނަމާދު ނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދުކުރާނެއެވެ. ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00ގައެވެ.