ޚަބަރު

އައިޔޫއެމްގެ 2ވަނަ ސެމިސްޓަރ ކޯސްތަކަށް ހުޅުވާލައިފި


  • 67 ކޯހަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

  • ކޯސްތައް އައިޔޫއެމްގެ 7 ކެމްޕަހުގައި ކުރިއަށްގެންދާނެ

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމުން އެ ޔުނިވަރސިޓީގެ 2ވަނަ ޓާމުގެ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައިޔޫއެމްއިން ވިދާޅުވީ، މިޓާމުގައި އެކިއެކި ދާއިރާތަކުން 67 ކޯހަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އައިޔޫއެމްއިން މިޓާމަށް ކޯސްތައް ހުޅުވާލާފައިވާ ދާއިރާތައް

  • - ޤުރުއާނާއި ޚަދީޘް
  • - ޝަރީޢާއިން ލޯ
  • - ފިޤުހު
  • - އިސްލާމިކް ސްޓަޑީސް
  • - އިމާމްޝިޕް
  • - ލެންގުއޭޖް އެޑިއުކޭޝަން
  • - ފައިނޭންސް
  • - އެކައުންޓިން
  • - ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
  • - މެނޭޖްމެންޓް
  • - ޖާނަލިޒަމް

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ.އާއިޝަތު ޝިނާ ވިދާޅުވީ، މިއީ ވަރަށް ރަގަޅު ފުރުސަތެއް ކަމަށާއި، އޭލެވެލް ނިންމާފައިވާ ކުދިންނަށްވެސް މި ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި އަމިއްލަ ރަށުގައި ތިބެގެންވެސް މިކޯސްތައް ހެދުމުގެ ފުރުސަތު ލިބޭނެކަން ޑރ. ޝީނާ ފާހަގަކުރެއްވިއެވެ.

"މިއީ ވަރަށް ރަނގަޅު ފުރުސަތެއް އަޅުގަނޑުމެންގެ މިކޯސްތައް މެއިން ކެމްޕަހުގެ އިތުރުން 7 ރަށެއްގެ ކެމްޕަހުގައި ކުރިޔަށްދާނެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފުމަށް ވަރަށް ބޮޑަށް އެދެން. އޭލެވެލް ނިމިފައިވާ ކޮންމެ ކުއްޖަކުވެސް މި ކޯސްތަކަށް އަވަަހަށް ކުރިމަތިލައްވާ." ޑރ.ޝީނާ ވިދާޅުވިއެވެ.

ކޯސްތައް ކުރިޔަށްދާ ކެމްޕަސްތައް

  • - ރ. އުނގޫފާރު ކެމްޕަސް
  • - ޅ. ނައިފަރު ކެމްޕަސް
  • - ލ. ފޮނަދޫ ކެމްޕަސް
  • - ތިނަދޫ ސިޓީ ކެމްޕަސް
  • - ފުވައްމުލައް ސިޓީ ކެމްޕަސް
  • - އައްޑިސިޓީ މީދޫ ކެމްޕަސް
  • - އައްޑޫ ސިޓީ މަރަދޫ ފޭދޫ ކެމްޕަސް

ކެމްޕަސްތަކަށް ހާޒިރުވެ ވާޗުއަލްކޮށް ކުރިޔަށްގެންދާ ކްލާސްތަކުގެ އިތުރުން މިކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އޮންލައިންކޮންވެސް ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

އައިޔޫއެމްއިން ހުޅުވާލާފައިވާ ކޯސްތަކަށް ބަލާލާއިރު، ޕީއެޗްޑީ ލެވެލްގެ ކޯހަކަށާއި، މާސްޓާސް ލެވެލްގެ 15 ކޯހަކަށް ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި މާސްޓާސްއިން ހުޅުވާލާފައިވާ ކޯސްތަކުގެ ތެރެއިން މާސްޓާރސް އިން ޓީޗިން ހަޔަރ އެޑިޔުކޭޝަންއާއި، މާސްޓާރސް އިން ރިސާރޗް ޕަބްލިކޭޝަންއަކީ ފާހަގަކޮށްލެވޭ ދެ ކޯސްކަމަށް ޑރ ޝީނާ ވިދާޅުވިއެވެ. މި ދެކޯހުގެ ސަބަބުން ޕީއެޗްޑީ ކޯސްތައް ހެދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަން ޑރ ޝީނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޑރ ޝީނާ ވަނީ، ތަޢުލީމާ ބެހޭ ވުޒާރާއާއި ގުޅިގެން ކުރިޔަށް ގެންދާ ޑިޕްލޮމާ އިން ސްޕެޝަލް އެޑިއުކޭޝަން ކޯހަކީ ވަރަށް މުހިންމު ކޯހެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

" އަޅުގަނޑުމެން ސަރުކާރުން އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ކުރިޔަށްގެންދާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ޓީޗަރުން ބިނާ ކުރުމަށް ހިންގާ ޑިޕްލޮމާ ކޯހަކީ ވަރަށް ފާހަގަކޮށްލެވޭ ކޯހެެއް ސަބަބަކީ އެދާއިރާއިން ޓީޗަރުން ލިބުން ވަރަށް ދަތި." ޑރ.ޝީނާ ވިދާޅުވިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ސެންޓަރ ފޮރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ.މުހައްމަދު ޞާލިހް ވިދާޅުވީ، މިފަހަރު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ހިމެނޭ ސެޓްފިކެޓް ލެވެލް 4 އިން ސްޕިރިޗުއަލް އިންޓަލިޖެންސް ކައުސިލިންއަކީ، ފާހަގަކޮށްލެވޭ ކޯހެއް ކަމަށެވެ. މިކޯހުގެ ސަބަބުން އިސްލާމީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދޭ ކައުސިލިންނަށް މަގުފަހިވެގެންދާނެކަން ޑރ. މުހައްމަދު ޞާލިހް ފާހަގަކުރެއްވިއެވެ.

" އެމީހެއްގެ ރޫހަށް އަދި ޖިސްމަށް ބޮޑަށް ރޫހައް އިސްލާމިކް ނޮލެޖުން އަސަރުކުރާނެ މިކޯހުގެ ސަބަބުން. އިގިރޭސި ބަހުން ބުނާނަމަ ސްޕިރިޗުއަލް އިންޓަލިޖެންސް، ރަނގަޅުކޮށްލަން މުހިންމު ދައުރެއް އަދާކުރާނެ." ޑރ.މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

އައިޔޫއެމްއިން ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ޕޯސްޓް ޑިޕްލޮމާ ލެވެލްގެ 1 ކޯހާއި، ބެޗެލާސް ލެވެލްގެ 16 ކޯސް، އެސޯސިއޭޓް ޑިގްރީގެ 1 ކޯސް، ޑިޕްލޮމާ ލެވެލްގެ 11 ކޯސް އަދި ސެޓްފިކެޓް ލެވެލްގެ 22 ކޯސްވެސް ހިމެނެއެވެ.

މިކޯސްތަކަށް ކަނޑައެޅިފައިވާ ޝަރުތުތަކާއި އެޕްލިކޭޝަން ފޯމު އެ ޔުނިވާސިޓީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެކަމަށް އައިޔޫއެމްއިން ވިދާޅުވިއެވެ. އަދި މިކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު އެ ޔުނިވާސިޓީގެ ހޮޓްލައިން ނަންބަރު 1405 އަދި ވަޓްސްއެޕްއާއި ވައިބާ މެދުވެރިކޮށް 7923247 އަށް މެސެޖުކޮށްގެން ލިބޭނެ ކަމަށްވެސް އައިޔޫއެމްއިން މައުލޫމާތު ދެއްވައެވެ.

މަތީ ތައުލީމު ދިނުމުގައި އައިޔޫއެމްއިން އަންނަނީ، އިސްލާމީ ރިވެތި އަޙްލާޤާއި ސުލޫކުގައި ހިފަހައްޓައި ބައިނައްލަޤުވާމީގޮތުން އިސްލާމީ ޤައުމުތަކުގެ ޔުނިވަސިޓީތަކާއި އެއްހަމަޔެއްގައި ފައިތިލަ ސާބިތުކޮށް ނަމޫނާ ކުރިއެރުންތަކެއް ހާސިލްކުރައްވަމުންނެވެ.