ފްރާންސްގެ ޑިފެންޑަރ އިބްރާހިމާ ކޮނާޓޭ ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ޖޫން މަހަށް ހަމަވާއިރު އައު އެގްރިމެންޓަކާއިމެދު ދެކުވުނު ވާހަކަތައް ކޮޅެއްގައި ނުޖެހުމުން ގްރީ އެޖެންޓެއްގެ ގޮތުގައި އޭނާ އެ ކްލަބު ދޫކޮށްލަން ނިންމައިފި އެވެ.
އުމުރުން 27 އަހަރުގެ ކޮނާޓޭ އާއި ލިވަޕޫލް އާއި ދެމެދު ކުރެވުނު މަޝްވަރާތަކުން އޭނާގެ މުސާރަ އާއި އަދި އެހެނިހެން ކަންތައްތަކާއިމެދު ވަނީ ދެ ފަރާތަށް އެއްބަސްވުމަކަށް އާދެވޭގޮތްނުވެފަ އެވެ.
2021 ވަނަ އަހަރު ޖަރުމަނުގެ ލެއިޕްޒިގް އިން ކޮނާޓޭ ލިވަޕޫލް އާއި ގުޅިފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 35 މިލިއަން ޕައުންޑްގެ ފީ އަކަށެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން އައު އެގްރިމެންޓަކާއިމެދު ދެ ފަރާތުގެ ދެމެދުގައި ވަނީ އެކި ފަހަރުމަތިން މަޝްވަރާކޮށްފަ އެވެ. އަދި އަދި މިދިޔަ އެޕްރިލް މަހު ކޮނާޓޭ ވަނީ އައު އެއްބަސްވުމަކާއި ހަމައަށް ވަރަށް އަވަހަށް އަދެވޭނެ ކަމަށް އުންމީދުކުރާކަމަށް ބުނެފަ އެވެ.
ކޮނާޓޭ ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާއިރު ނިމިގެންދިޔަ ސީޒަނަށްފަހު ލިވަޕޫލްގެ އެންޑި ރޮބަޓްސަން އާއި މުހައްމަދު ސަލާހް ވެސް ވަނީ ފްރީ އެޖެންޓުންގެ ގޮތުގައި އެ ކްލަބް ދޫކޮށްފަ އެވެ. އަދި މިދިޔަ އަހަރު ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް ވަނީ އޭނާ އާއިއެކު ލިވަޕޫލް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން މަހަކަށް ވެފައިވަނިކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ.
ކޮނާޓޭ ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާއިރު އެ ޓީމުގައި މިވަގުތު ތިބި ތަޖުރިބާކާރު ދެ ޑިފެންޑަރުންނަކީ ވެންޑައިކް އާއި ޖޯ ގޯމޭޒް އެވެ.