ޚަބަރު

ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއަށް ތިންގުނަ ގެއްލުން


ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ސިފައިން މަރުވަމުންދާ ނިސްބަތް ފާއިތުވި އަހަރާ އަޅައިބަލާއިރު ތިންގުނައަށް އިތުރުވެ، ޔޫކްރެއިންގެ ބިންތަކަށް އަތްގަދަކުރުމުގައި ހޯދެމުންދިޔަ ކުރިއެރުންތައް މަޑުޖެހިފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ އިދާރާތަކާއި ޖަމުޢިއްޔާތަކުން ބުނެފިއެވެ. މި ކަން ހާމަވެފައި ވަނީ އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އޭޖެންސީ (ޑީއައިއޭ) އަދި އިންސްޓިޓިއުޓް ފޯ ދި ސްޓަޑީ އޮފް ވޯއިން (އައިއެސްޑަބްލިޔު) ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓުތަކުންނެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދްނީޕްރޯޕެތުރޮވްސްކްގެ 400 އަކަކިލޯމީޓަރުގެ ސަރަޙައްދެއް ޔޫކްރެއިންއިން މިނިވަންކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ރަޝިޔާއަށް ހިފިފައި ވަނީ ޖުމުލަ 104 އަކަކިލޯމީޓަރުގެ ސަރަޙައްދެއް ކަމުގައި ޑީއައިއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ، މިދިޔަ އަހަރު އަތްގަދަކޮށްފައިވާ 1،619 އަކަކިލޯމީޓަރުގެ ސަރަޙައްދާ އަޅައިބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ އިތުރު 628 އަކަކިލޯމީޓަރުގެ ސަރަޙައްދަކަށް ބާރުތައް ފުޅާކޮށް، އެ ސަރަޙައްދުތައް ކޮންޓުރޯލުކުރުމުގެ މަސައްކަތް ފަށާފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، މި އަހަރުގެ ތެރޭގައި ޔޫކްރެއިންގެ ޙަމަލާތަކުގައި މަރައިލާފައިވާ ނުތަވަ ޒަޚަމުކޮށްލާފައިވާ ރަޝިޔާ ސިފައިންގެ އަދަދު 145,000 އަށްވުރެ އިތުރުވާނެ ކަމުގައެވެ. މި ގޮތުން، މަރައިލާފައިވާ ރަޝިޔާ ސިފައިންގެ އަދަދު 86,000 އަށް އަރާނެ ކަމަށާއި، ޒަޚަމުކޮށްލާފައިވާ ސިފައިންގެ އަދަދު 59,000 އަށް އުފުލިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މިއީ، އަސްކަރިއްޔާއަށް އިތުރު ސިފައިން ރެކްރޫޓުކުރުމަށް މޮސްކޯއިން ކުރަމުންދާ މަސައްކަތާ އަޅައިބަލާއިރު ނުބައްދަލު އަދަދެއް ކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ. މީގެ އިތުރުން، ހަނގުރާމައިގެ ޚަރަދުތަކަށް އެޕްރީލު މަހަށް ރަޝިޔާއިން ކަނޑައަޅާފައިވާ ބަޖެޓު ހުސްވެ، ރިޒާވް ދަށްވުމުގެ ސަބަބުން ރަޝިޔާގެ މަރުކަޒީ ބޭންކުގައި ރައްކާކޮށްފައި ހުރި ރަނުގެ ރިޒާވުން، 4 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުގައި 27.9 ޓަނުގެ ރަން ވިއްކާފައިވާ ކަމުގައި ވެސް ޔޫކްރެއިންގެ މަޞްދަރުތަކުން ބުނެއެވެ.

ހަނގުރާމައިގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ރަޝިޔާގެ ސިފައިންނަށް ހަތިޔާރާއި އެހެނިހެން ސާމާނު ސަޕްލައިކޮށްދިނުން ހުއްޓުވުމަށް ވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން ދަނީ ޚާއްޞަ އަސްކަރީ ކެންޕޭނެއް ހިންގަމުންނެވެ. މި ދަނޑިވަޅުގައި، ގްލައިޑް ބޮން ބޭނުންކޮށްގެން ރަޝިޔާއިން ދެމުންދާ ޙަމަލާތައް ދިފާޢުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ސްވިޑެނުން ވަނީ ވަޢުދުވެފައެވެ. މި ގޮތުން، ގްރިފެން މަރުކާގެ 16 އަސްކަރީ މަތިންދާބޯޓު ޔޫކްރެއިނަށް ފޮނުވުމަށް ސްވިޑެނުން ވަޢުދުވެފައިވާއިރު، ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) ލޯނެއްގެ ދަށުން އިތުރު 20 މަތިންދާބޯޓު ގަތުމަށް ކީވުން ނިންމާފައިވާ ކަން ޒެލެންސްކީ ހާމަކުރެއްވިއެވެ.

ރަޝިޔާއަށް އިޤުތިޞާދީ ގޮތުން ގެއްލުންދިނުމަށް ވެސް ޔޫކްރެއިނުން ދަނީ ވަރުގަދަ ޙަމަލާތަކެއް އަމާޒުކުރަމުންނެވެ. މި ގޮތުން، ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮތް ނޮވޮރޮސީސްކްއާއި ތެޔޮ ޓަރމިނަލަކަށް ވަރުގަދަ ޙަމަލާތަކެއްދީފައިވާއިރު، ސަރަޙައްދީ ރޮނގާ 1,700 ކިލޯމީޓަރު ދުރުގައި އޮތް ޕިޔެރަމްގެ ކެމިކަލް ކާރުޚާނާއަކާއި، ރަސްތޯފް އަސްކަރީ ވައިގެ ބަނދަރަށް ވެސް ޔޫކްރެއިންގެ ފައުޖުތަކުން ވަނީ ޙަމަލާތަކެއްދީފައެވެ.

އެ ޙަމަލާތަކުގެ ރައްދުގައި ރަޝިޔާއިން ވެސް ވަނީ ޔޫކްރެއިންގެ ވެރިރަށް ކީވަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. މި ގޮތުން، 600 އަސްކަރީ ޑްރޯނާއި 90 މިސައިލް ބޭނުންކޮށްގެން ކީވަށް އެންމެ ފަހުން ދީފައިވާ ޙަމަަލާތަކުގައި ޔޫކްރެއިންގެ ޚާރިޖީ ވުޒާރާ ހިންގާ އޮފީހާއި، ކެބިނެޓުގެ އިދާރާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޒެލެންސްކީ ވިދާޅުވީ، އެ ޙަމަލާތަކުގައި ދެ މީހުން މަރުވެ، އިތުރު 87 މީހުން ޒަޚަމުވި ކަމުގައެވެ. ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފް ވިދާޅުވީ، އެއީ ލޫހަންސްކްގެ ކޮލެޖަކަށް ދިން ޙަމަލާތަކެއްގެ ބަދަލުހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ. ކީވަށް ދީފައިވާ ޙަމަލާތަކުގައި ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ ވަރަށް ބާރުގަދަ އަދި ނުރައްކާތެރި މިސައިލެއް ކަމުގައިވާ "އަރިޔެޝްނިކް" މަރުކާގެ މިސައިލެއް ވެސް ބޭނުންކޮށްފައެވެ.