ޚަބަރު

ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއް ރާއްޖެ އަތުވެއްޖެ


  • ޓީމުތައް ކޭމްޕްކޮށްފައި ވަނީ ބާސެލޯ ނަސަންދުރައިގައި

  • ރާއްޖެ ޓީމުން ވެސް މިރޭ ކޭމްޕު ކުރާނެ

އަންނަ ހޯމަ ދުވަހު ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއް ވެސް ރާއްޖެ އަތުވެއްޖެއެވެ.

ޖުމްލަ ހަތަރު ގައުމުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވަނީ އަފްޣާނިސްޠާނާއި ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާނެވެ.

މީގެތެރެއިން ފުރަތަމަ ރާއްޖެ އައީ އަފްޣާނިސްޠާން ޓީމުންނެވެ. އެ ޓީމުން ރާއްޖެ އައީ މިއަދު ހެނދުނުއެވެ. ރާއްޖެ އައި އަފްޣާނިސްޠާން ޓީމުގައި ހިމެނެނީ 12 ކުޅުންތެރިންނެވެ.

އެއަށްފަހު ދެން އައީ ބަންގްލަދޭޝް ޓީމުންނެވެ. ބަންގްލަދޭޝްގެ "ބީ" ޓީމުގެ ގޮތުގައި ނިސްބަތްކުރެވޭ މި ޓީމު ރާއްޖެ އައީ މެންދުރުފަހުއެވެ. އަދި އެންމެފަހުން އައި ޕާކިސްތާން ޓީމު ވެސް އައީ މެންދުރު ފަހުއެވެ.

މި ތިން ޓީމު ވެސް ރާއްޖޭގައި ކޭމްޕް ކުރާނީ ބާސެލޯ ނަސަންދުރައިގައެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު ވެސް މިރޭގެ ވަގުތެއްގައި ނަސަންދުރައިގައި ކޭމްޕް ކުރާނެއެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަންލް ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ބާއްވަން ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ދެމެދު، މާލޭގައެވެ.

މުބާރާތުގެ އޮފިޝަލް މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ. މުބާރާތުގެ ހުރިހާ މެޗެއް އަދި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް، ޕީއެސްއެމްގެ އެކި މަންސަތަކުން ގެނެސްދޭނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅޭނީ ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި އަފްޣާނިސްތާނެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ރާއްޖެ ކުޅޭ މެޗުގެ ކުރިންނެވެ.