ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނު ބައެއް ރަށްރަށަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
މީގެ ތެރޭގައި ބޯކޯށް ވާރޭ ވެހި ފެން ބޮޑުވުމާއި ވައިގަދަވެ ގެތަކުގެ ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ދަނީ ރިޕޯޓުކުރަމުންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ ރޭ އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި، އައްޑޫ ސިޓީ ހިތަދޫ ހުޅުދުއާގެއާއި، އޯކަމްލިވާގޭގެ ފުރާޅު ވަޔާ އެއްލާލާފައިވާކަމަށެވެ. އަދި ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވެފައިވާތީ، ފެން ހިންދުމުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ.
ފޭދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ފަށާފައި ވަނީ ރޭ 03:45 ހާއިރުއެވެ. ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ މިއަދު 10:10 ހާއިރު ވަންދެން ހަރަކާތްތެރިވެފައެވެ. އެގޮތުން މަގުތަކުގައި ބޮޑުވެފައި ހުރި ފެންގަނޑު ހިއްކައި، މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ.
މީގެ އިތުރުން ވިއްސާރައިގައި ފުރާޅު އެއްލާލި 2 ގެއަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާކަމަށެވެ. އަދި މިހާރު ގެތަކުގެ ފުރާޅު މަރަމާތުކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. މަޑަވެއްޔަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުންވެސް ވަނީ ހަރަކާތްތެރިވެފައެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ ހިތަދޫ ހުޅުދުއާގެއާއި، އޯކަމްލިވާގޭގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން. pic.twitter.com/rp3it1qZC9
— Maldives National Defence Force (@MNDF_Official) May 31, 2026
ގދ. މަޑަވެލީގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން ކޮށްފައިވަނީ ރޭ 01:35 ހާއިރުއެވެ. ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ މިއަދު 09:40 ހާއިރު ވަންދެން ހަރަކާތްތެރިވެފައެވެ.
އެގޮތުން މަގުތަކުގައި ބޮޑުވެފައި ހުރި ފެންގަނޑު ހިއްކައި، މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ.