ޚަބަރު

ހިމަބިހީގެ ކޭސްތައް އިތުރުވާތީ މާސްކު އެޅުމަށް ސަމާލުވޭ!


  • 2 ޑޯޒު ފުރިހަމަ ނުކުރާނަމަ ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު ބޮޑު

  • ނުރައްކާވަނީ މިބަލި ޖެހި ނިއުމޯނިއާއަށް ބަދަލުވެ ލޮލުގެ ފެނުމަށް އަސަރުކުރުމުން

  • ބަލި ޖެހިފައިވާ މީހަކު ދިޔުމަށްފަހު އެތަނެއްގައި 2 ގަޑިއިރު ވައިރަސް ހުރޭ

މީސްލްސް ނުވަތަ ހިމަބިހީގެ ނުރައްކާ އަވައްޓެރި އެކި ޤައުމުތަކާއި ދިވެހީން ދަތުރުކުރާ އެކި ޤައުމުތަކުގައި ވަނީ ބޮޑުވެފައެވެ. ރާއްޖޭގައި ގިނަ ބަޔަކަށް ބަލިޖެހި ނުރައްކާ ޙާލަތަކަށް ނުދަނީ، ރާއްޖެއިން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ކާމިޔާބީކަމުކަން ސިއްޙީ ދާއިރާއިން ފާހަގަކުރައްވައެވެ.

މީސްލްސްއަކީ، ނުރައްކާތެރި ބައްޔެކެވެ. އާންމު ހުމުގެ ޢަލާމާތްތަކާއެކު ހަށިގަނޑުގައި ނަގާ ކުދި ރަތް ބިހިތަކަކީ، ހިމަބިހީގެ ޢަލާމާތްތަކެވެ. ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ ފުރަތަމަ 4 ދުވަހާއި، އޭގެފަހު 4 ދުވަހަކީ އެހެން މީހުން ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތެކެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ މުޙައްމަދު ޙަމްޒަތު ވިދާޅުވީ، މީސްލްސްއަށް ގިނަ ބަޔަކު ޕޮޒިޓިވްވިނަމަވެސް ގިނަ ބަޔަކު ހޮސްޕިޓަލުތަކަށް ތޮއްޖެހުމުގެ ޙާލަތަށް ނުދަނީ، ރާއްޖޭގައި ކުރިއަށްގެންދިޔަ ވެކްސިންގ ކަވަރޭޖު ރަނގަޅުވީމަ ކަމަށެވެ.

"އަވައްޓެރި ޤައުމުތަކުގެ ޚަބަރުތަކުގައި ފާހަގަކުރެވޭނެ 400 މީހުން މަރުވެއްޖެ މިވެނިވަރަކަށް މީހުންނަށް ޖެހިއްޖެ. މިބަލީގެ ނުރައްކާ ހާލަތަކަށް ދަނީ، ނިއުމޯނިއާއަށް ބަދަލުވެ ނުވަތަ ލޮލުގެ ފެނުމަށް އަސަރުކޮށްގެން އެއީ ވަކި ހިސާބަކަށް ދިޔައިމަ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ، އެހިސާބަށް ނުދޭތޯ." ޙަމްޒަތު ވިދާޅުވިއެވެ.

މީސްލްސްގެ ނުރައްކާ ބޮޑުވަނީ، ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށާއި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށެވެ. ވެކްސިންގެ ސަބަބުން އެފަރާތްތަކަށްވެސް ބަލީގައި ނުރައްކާވާ މިންވަރު ބޮޑުތަނުން ކުޑަކޮށްދެއެވެ. އެހެންކަމުން މީސްލްސްގެ 2 ޑޯޒު ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ޖެހުމަށް އާންމުކޮށް ހުޅުވާލުމުން ވެކްސިން ޖެހިކަމުގެ ލިޔެކިޔުމެއް ނެތްނަމަ ވެކްސިން ފުރިހަމަ ކުރުމަށް އިސްކަންދިނުމަކީ، މުހިއްމު ކަމެކެވެ. ހަމައެއާއެކު މާލެ ސަރަޙައްދުން މިހާތަނަށް 9 ކޭސް ފެނިފައިވާއިރު، އެފަރާތްތަކާއި ބައްދަލުވެފައިވާ ފަރާތްތަކުން ވެކްސިން ނުޖަހާނަމަ ވެކްސިން ފުރިހަމަ ކުރަންޖެހެއެވެ.

މީސްލްސްއަކީ، ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. މިބަލި ހުރި މީހަކު ކޮޓަރިއެއް، ބަހެއް ނުވަތަ ކާރެއް ފަދަ ބަންދުތަނެއްގައި ހުރެ ކެއްސާއި، ކިނބިހި އަޅައި ނުވަތަ ވާހަކަ ދައްކާއިރު ބޭރުވާ ޖަރާސީމު އެތަނެއްގައި 2 ގަޑިއިރު ވަންދެން ހުރެއެވެ. އެހެންކަމުން ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރި ފަރާތެއްނަމަ މާސްކު އެޅުމަކީ، މިބަލިން އަނެކުން ރައްކާތެރި ކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ.

މިދުވަސްވަރު ހުމާއި ރޯގާގެ އެކި ބަލިތައް ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. އިންފްލުއެންޒާއާއި، ޑެންގީއާއި، މީސްލްސްގެ އިތުރުން ފާނަބަސަންދުގެ ކޭސްތައްވެސް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން ރައްކާތެރިކަމުގެ ގޮތުން މާސްކު އެޅުމާއި، ގިނަގިނައިން އަތްދޮވުމާއި، ސެނިޓައިޒަރ ގެންގުޅަމަކީ މުހިއްމު ކަމެކެވެ.