ލުބްނާންގެ ދެކުނުގައި ޔަހޫދީ އިސްތިޢުމާރީ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކުރުމާ ގުޅިގެން، މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދޭން ފެށުމާއެކު، ޔަހޫދީ ސަރުކާރާއި އަސްކަރިއްޔާ ސިހުމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. ޙިޒްބުاللهގެ ވަރުގަދަ ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ހަނގުރާމައިގެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. ޔަހޫދީންގެ މީޑިއާތަކުން ބުނީ، އެ ބައްދަލުވުމުގައި ހައްދުފަހަނައެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒާއި، އަސްކަރިއްޔާގެ ވެރިޔާގެ އިތުރުން އިސް ކޮމާންޑަރުން ބައިވެރިވިކަމުގައެވެ.
ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ބަދަލުކުރަމުން ދިޔަ ވަރުގަދަ ޙަމަލާތައް އެޕްރީލު 17 ގައި އެމެރިކާއިން މެދުވެރިވެގެން ހެދި އެއްބަސްވުމެއްގެ ދަށުން އޮތީ "ނަމެއްގައި" މެދުކަނޑައިލާފައެވެ. ޔަހޫދީން އެ އެއްބަސްވުމަށް އަމަލުކޮށްފައި ނުވި ނަމަވެސް، ޙިޒްބުالله އިން މި ވަނީ ފުރަތަމަ ފަހަރަށް އެއްބަސްވުމާ ޚިލާފަށް ޞަހްޔޫނީ ދައުލަތުގެ ރަށްތަކަށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފައެވެ. މިއީ، ލުބްނާންގެ ދެކުނު ސަރަޙައްދުގައި ޔަހޫދީ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކުރަމުންދިޔުމާ ގުޅިގެން ރައްދުގައި ދީފައިވާ ޙަމަލާތަކެކެވެ.
ޙިޒްބުاللهގެ ބައެއް ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޔަހޫދީންގެ ރަށްތައް ކަމުގައިވާ ޞަފަދާއި ނަހަރިޔާއަށެވެ. މިއީ ފަހުގެ ތާރީޚެއްގައި ޙިޒްބުالله އިން އެ ރަށްތަކަށް ޙަމަލާތަކެއް އަމާޒުކޮށްފައިވާ ފުރަތަމަ ފަހަރެވެ. މިއާއެކު، ޔަހޫދީ ސަރުކާރާއި އަސްކަރިއްޔާއަށް ބޮޑު ސިހުމެއް ލިބިގެންގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. އަދި، ޔަހޫދީ ދައުލަތުގެ އުތުރުގެ ރަށްތަކުގައި އަމާންކަން ގެއްލި، ނުތަނަވަސްކަން އުފެދިފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީ މީޑިއާތަކުން ބުނީ، އެޕްރީލު 17 ގައި ޙަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވި ފަހުން، ޔަހޫދީ ދައުލަތުގެ އުތުރުގެ ރަށްތަކުން 1,099 ފަހަރު އިންޒާރުގެ ރަނގަބީލުގެ އަޑު އިވިގެން ގޮސްފައިވާ ކަމުގައެވެ. ޙިޒްބުالله އިން ވަނީ، އަލް-ޖަލީލް ސަރަޙައްދުގައި ޔަހޫދީ ޢާންމުން ދިރިއުޅޭ ސަރަޙައްދަކާއި އަސްކަރީ މަރުކަޒަކަށް ވެސް ޙަމަލާތައް އަމާޒުކޮށްފައެވެ. ފަހަކަށް އައިސް، ޙިޒްބުالله ގެ ރޮކެޓު ޙަމަލާތައް ދިފާޢުކުރުމަށް ޔަހޫދީ ފައުޖު ވަނީ ނުކުޅެދިފައެވެ. ޙިޒްބުالله ގެ ރޮކެޓުތައް ދެނެގަނެ، ނައްތައިލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި އަނިޔާވެރި ނަތަންޔާހޫ ވެސް ދާދިފަހުން ވަނީ އެއްބަސްވެފައެވެ.