މާދަމާ ފަށާ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ފުޓުބޯޅަ މުބާރާތުގައި އަފްޣާނިސްޠާނުން ކުޅޭ ފުރަތަމަ މެޗުގައި ދިވެހިރާއްޖެއާ ދެކޮޅަށް ނުކުންނައިރު، ރާއްޖޭގެ ފެންވަރު ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި، މިއީ ފަސޭހަ މެޗަކަށް ނުވާނެކަމަށް އަފްޣާނިސްޠާން ޓީމުގެ ހެޑް ކޯޗު ހޯސޭ އެންޓޯނިއޯ ނޮގުއެއިރާ ބުނެފިއެވެ.
މުބާރާތް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ހޯސޭ ވަނީ، މި މުބާރާތުގައި ރާއްޖެއަށް ވަރަށް ބޮޑު ދެ އެޑްވާންޓޭޖެއް އެބައޮތް ކަމަށެވެ. އެގޮތުން ފުރަތަމަ އެޑްވާންޓޭޖަކީ އަމިއްލަ ފަސްގަނޑުގައި ކުޅެން ލިބުން ކަމަށާއި ދެވަނަ ކަމަކީ، މިއީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ މުބާރާތަކަށް ވުން ކަމަށެވެ.
މީގެއިތުރުން، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މަހެއްހައި ދުވަހު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވުން ވެސް އެއީ ރާއްޖެއަށް އޮތް ފައިދާއެއް ކަމަށް ބުނެ، ރާއްޖެ އަކީ ބަލިކުރަން ފަސޭހަވާނެ ޓީމެއް ނޫންކަމަށް ކޯޗު ހޯސޭ އެންޓޯނިއޯ ބުންޏެވެ.
"ފުރަތަމަ ކަމަކަށް އަމިއްލަ ފަސްގަނޑުގައި ރާއްޖެއިން ކުޅޭނީ. ދެވަނަ ކަމަކަށް މީ ރާއްޖޭގެ ޔޫބީލެއް ފާހަގަކުރާ މުބާރާތެއް. މަހެއްހައި ދުވަސް ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިމަ ތައްޔާރުވެފައި ހުންނާނީ މުބާރާތަށް. އެހެންވީމަ އަހަރުމެންނަށް ވަރަށް އުނދަގޫވާނެ ޓީމެއް ރާއްޖެއަކީ ދެކޮޅަށް ކުޅެން. އެކަން އިނގޭ އަހަންނަށް. ރާއްޖޭގެ ކޮލިޓީ. އަލީ އަޝްފާޤް. ތަޖުރިބާކާރު ކުޅުންތެރިއެއް އެއީ. އުމުރުން ތަންކޮޅެއް ދުވަސްވެފައި ހުއްޓަސް، ރާއްޖޭގެ ތާރީޚު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އެއީ. އަހަރެން ވަރަށް އިހްތިރާމްކުރަން އޭނައަށް. އަހަންނަށް އިނގޭ މިއީ ވަރަށް އުނދަގޫވާނެ މެޗެއްކަން އަހަރުމެންނަށް. އެހެންވީމަ އެ އިހްތިރާމް ދީގެން ކުޅޭނީ". މީގެކުރިން ބަންގްލަދޭޝްގެ ޤައުމީ ޓީމަށް ވެސް އިރުޝާދުދީފައިވާ ބްރެޒިލްއަށް ނިސްބަތްވާ ކޯޗު ހޯސޭ އެންޓޯނިއޯ ބުންޏެވެ.
ކޯޗު ހޯސޭ އެންޓޯނިއޯ އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކަށްވީ ރާއްޖެއަށް ފަރިތަކުރަން މަހެއްހައި ދުވަސް ލިބުނުކަމެވެ. އޭނާއަށް ޓީމު އެކުލަވާލައި، ރާއްޖެ އައުމާ ހަމައަށް މުޅި ޓީމު ގޮވައިގެން ފުރިހަމަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މުޅި ޓީމާއެކު މި މުބާރާތަށް އޭނާ ފުރަތަމަ ފަރިތަކުރުމެއް ބޭއްވީ ހޮނިހިރު ދުވަހު، ރާއްޖޭގައެވެ.
މުބާރާތުގައި މާދަމާރޭ ރާއްޖެއާ ދެކޮޅަށް އަފްޣާނިސްޠާން ޓީމު ނުކުންނައިރު، އެ ޓީމުގައި ގިނައީ ޔޫރަޕުގެ އެކި ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ. އެގޮތުން އަފްޣާނިސްޠާން ޓީމުގައި، އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ސްވިޑަންއާއި ނޯވޭ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ އެކި ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިން ހިމެނެއެވެ.
މުބާރާތުގައި ރާއްޖެއާއި އަފްޣާނިސްޠާން ބައްދަލުކުރާ މެޗު އޮންނާނީ މާދަމާރޭ 21:00 ގައެވެ.
މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ.