ޚަބަރު

ޕެނަމާ އަތުން ބްރެޒިލް އަށް ފަސޭހަ މޮޅެއް


ފީފާ ވޯލްޑްކަޕްގެ ކުރިން ޕެނަމާ އާއި ދެކޮޅަށް ބްރެޒިލް ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗު 6-2 ގެ ނަތީޖާ އަކުން ބްރެޒިލް ކާމިޔާބުކޮށްފި އެވެ.

ރިއޯޑިޖެނީރޯގެ މަރަކާނާ ސްޓޭޑިއަމްގައި 72 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ވަނީ ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ކުޅުނު ޓީމު ދެވަނަ ހާފަށް ނިކުތްއިރު ކޯޗު ވަނީ އެއްކޮށް ބަދަލުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް އިން ދެ ލަނޑު ޖަހާފައިވާއިރު, މި ދެ ލަނޑަކީ ވިނިޝިއަސް ޖޫނިއާ އާއި ކަސެމީރޯ ކާމިޔާބުކޮށްދީފައިވާ ދެ ލަނޑެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ބްރެޒިލް އިން ޖެހި ހަތަރު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރަޔާން, ޕަކޭޓާގެ އިތުރުން އީގޯ ތިއާގޯ އަދި ޑެނީލޯ އެވެ.

ޕެނަމާ އިން މި މެޗުގައި ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ބްރެޒިލް މެތިއުސް ކޫނިއާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. އަދި އަނެއް ލަނޑު މެޗުގެ ފަހު ވަގުތު ކާމިޔާބުކޮށްދީފައިވަނީ ކާލޯސް ހާވޭ އެވެ.

ވޯލްޑްކަޕްގެ ތަށި ހަވަނަ ފަހަރަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ބްރެޒިލް ހިމެނޭ ގްރޫޕް ސީ ގައި ދެން އޮތީ މޮރޮކޯ އާއި ހެއިޓީގެ އިތުރުން ސްކޮޓްލޭންޑް އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޖުން މަހުގެ 13 ވަނަ ދުވަހު ބްރެޒިލް ނިކުންނާނީ މޮރޮކޯ އާއި ދެކޮޅަށެވެ.