ޚަބަރު

މެލޭޝިޔާގައި 16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިޔާ ބޭނުންކުރުން މަނާ


16 އަހަރުން ދަށުގެ ކުދިން މީސްމީޑިއާގެ މަންސަތައް ބޭނުންކުރުން މަނާކުރާ އައު ޤަވާޢިދަކަށް މެލޭޝިޔާގައި ޢަމަލުކުރަން ފަށައިފިއެވެ. މިއީ އޮސްޓްރޭލިޔާ، ބްރެޒިލް އަދި އިންޑޮނޭޝިޔާ ފަދަ ޤައުމުތަކެކޭ އެއްގޮތަށް، އޮންލައިން މަންސަތަކުގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އަޅާފައިވާ ފިޔަވަޅެކެވެ. މެލޭޝިޔާގައި މީސްމީޑިއާގެ މަންސަތައް ކަމުގައިވާ ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިޔުބް ބޭނުންކުރާ މީހުންގެ އަދަދު އަށް މިލިޔަނަށް އަރާއިރު، އައު ޤަވާޢިދުގެ ދަށުން އެ މަންސަތައް ހިންގާ ކުންފުނިތަކަށް ކުދިންގެ އުމުރު ކަށަވަރު ކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، އުމުރުން ހަގު ކުދިންނަށް އެކައުންޓް ރަޖިސްޓަރީކޮށްދިނުން ހުއްޓައިލުމަށް މަޖުބޫރުވާނެއެވެ.

މި ފިޔަވަޅުތަކުގެ މަޤުޞަދަކީ ނުރައްކާތެރި އަދި ގެއްލުންހުރި ކޮންޓެންޓާއި އިންޓަރނެޓު މެދުކޮށް ހިންގާ ބުލީކުރުމުގެ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމެވެ. މި ޤަވާޢިދަށް ޢަމަލުނުކުރާ ކުންފުނިތައް 2.5 މިލިޔަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. ކުޑަކުދިން މީސްމީޑިއާގެ މަންސަތައް ބޭނުންކުރުން ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. މި ގޮތުން، ފޭސްބުކާއި އިންސްޓަގްރާމް ހިންގާ މެޓާ ކުންފުނީގެ އިތުރުން ޔޫޓިޔުބާ ދެކޮޅަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތަކެއް މިލިޔަން ޑޮލަރު ނަގައިދިނުމަށް އެމެރިކާގެ ކޯޓަކުން ދާދިފަހުން ޙުކުމްކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. މެލޭޝިޔާގައި ޢަމަލުކުރަން ފަށާފައިވާ ޤަވާޢިދުގެ ދަށުން، 16 އަހަރަށްވުރެ ހަގު ކުދިން މީސްމީޑިއާގެ މަންސަތައް ބޭނުންކުރި ނަމަވެސް، އެ ކުދިންގެ މައިންބަފައިންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ.

މެލޭޝިޔާގެ އިދާރާތަކުން ބުނީ، މި ޤަވާޢިދުގެ ބޭނުމަކީ ކުޑަކުދިން އިންޓަރނެޓުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓުވުން ނޫން ކަމުގައެވެ. ނަމަވެސް، މެޓާ ކުންފުނީގެ ދެކުނު އިރުމަތީ އޭޝިޔާގެ ޕަބްލިކް ޕޮލިސީ ޑިރެކްޓަރު ކްލާރާ ކޯ ވިދާޅުވީ، އައު ޤަވާޢިދުގެ ސަބަބުން ރައްކާތެރިކަން ކުޑަ، ބެލެހެއްޓޭނެ ނިޒާމެއް ނެތް ވަސީލަތްތަކާ ދިމާލަށް ކުޑަކުދިން އެނބުރުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. 18 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށް "ޓީން އެކައުންޓް" ގެ ނަމުގައި މެޓާއިން މިހާރު ވެސް ދަނީ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ.

މެލޭޝިޔާގެ އައު ޤަވާޢިދަށް އެ ޤައުމުގެ ގިނަ މައިންބަފައިން ތާޢީދުކުރި ނަމަވެސް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ޢާންމުވުމުގެ ބިރު ބޮޑުވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. މޮނާޝް ޔުނިވަރސިޓީގެ ދާރިސް ބެންޖަމިން ލޫ ވިދާޅުވީ، މީސްމީޑިއާ އެކައުންޓު ހުޅުވުމުގައި އުމުރު ކަށަވަރުކުރުމަށް ސަރުކާރުގެ ރަސްމީ އައިޑީ ކާޑު ބޭނުންކުރުމަށް މަޖުބޫރުކުރުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމުގައެވެ. އަދި، މައިންބަފައިންނާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން، ޢާއިލާގެ މެންބަރުންނަށް ކުޑަކުދިންގެ ނަމުގައި އެކައުންޓް ހުޅުވުމުގެ ފުރުޞަތު އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.