ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މިއަދާ ހަމައަށްވެސް އަމިއްލަފުޅު އެއްވެސް ދަތުރެއްގެ ޚަރަދަކަށް ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅު ދަތުރުތައް ސަރުކާރު ޚަރަދުގައި ކުރައްވާ ކަމަށް ވިދާޅުވެ އެކަމާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. މިސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ އެއްވެސް ހަޤީޤަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު ކުރުމަށް ހުއްދަ އޮންނަ އަދި ލިބިފައިވާ އިނާޔަތެއް ނަމަވެސް މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އަމިއްލަފުޅު އެއްވެސް ދަތުރެއްގައި އެމަނިކުފާނު ހިމެނޭހެން އާއިލާގެ އެއްވެސް މެންބަރެއްގެ ޚަރަދެއްވެސް ސަރުކާރުން ކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު މަޤާމާއި ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އަމިއްލަ ދަތުރެއްކުރި އެއްވެސް ދަތުރެއްގައި އެއްވެސް ކަމަކަށް އަޅުގަނޑުގެ އަމިއްލަ ކަމެއްގައި އަދި ޢާއިލާ ކަމެއްގައި ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއްވެސް ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައެއް ނުހުންނާނެ. އަދި ބައެއް ދަތުރުތަކުގައި އަޅުގަނޑު ޗުއްޓީއަށް ދިޔަޔަސް ރައީސް އޮފީހުން ކުއްޖަކު ދާނެ ޕްރިންޓަރާއި ސްކޭނަރާއި ހިފައިގެން ޕްރިންޓުކޮށް ސްކޭންކޮށްފައި ސޮއިކުރަން. އެކުއްޖާގެ ޚަރަދުވެސް އަޅުގަނޑު ހުންނާނެ ބައެއް ފަހަރު ކޮށްފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މިހާރުވެސް ކުރީގެ ބައެއް ރައީސުން ސަރުކާރު ޚަރަދުގައި ދަތުކުރައްވާ ކަމަށެވެ. އަދި އެކަމުގެ ބިލްތައްވެސް ރައީސް އޮފީހަށް ލިބޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅު ދަތުރުފުޅުތަކުގެ ޚަރަދުތައް އެމަނިކުފާނު އަމިއްލައަށް ކުރައްވާ ގޮތަށް ހަމަޖައްސަވާ، އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅުތަކުގައިވެސް ޚަރަދު ކުޑަކުރެއްވުމަށް ފަސްޓް ކްލާހުގެ ބަދަލުގައި ބިޒްނަސް ކްލާހުން ދަތުރުކުރެއްވުމަށް ނިންމަވާފައެވެ.