ޚަބަރު

"ބެލެނިވެރިންގެ ހިތްވަރަކީ ގައުމު ބާރުވެރިކޮށްދޭ އަސާސެއް"


  • އާއިލާތަކުގެ ބިންގާ ވަރުގަދަކުރުމަށްޓަކައި ބެލެނިވެރިންގެ އަގުވަޒަންކުރަން ޖެހޭކަމަށް ވިދާޅުވި

  • އަމާޒަކީ ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ކޮންމެ ކުއްޖެއްގެ މުސްތަގުބަލު ރައްކާތެރިކުރުންކަމަށް ވިދާޅުވި

ބެލެނިވެރިންގެ ހިތްވަރަކީ އަންނަން އޮތް ޖީލުތައް ބައްޓަންކޮށް، ގައުމުގެ ބާރުވެރިކޮށްދޭ މައިގަނޑު އަސާސެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ބެލެނިވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާއިލާތަކުގެ ބިންގާ ވަރުގަދަކުރުމަށްޓަކައި ބެލެނިވެރިން ވަމުންދާ މަތިވެރި ގުރުބާނީއާއި، ނުގުޑާފަދަ އިޚްލާޞްތެރި މަސައްކަތުގެ އަގު ވަޒަންކުރަން ޖެހޭކަމަށެވެ. ބެލެނިވެރިންގެ ލޯތްބާއި ހިތްވަރަކީ އަންނަން އޮތް ޖީލުތައް ބައްޓަންކޮށް، ގައުމުގެ ބާރުވެރިކޮށްދޭ މައިގަނޑު އަސާސުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މުޖުތަމައުގައި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރު ބަލައިގަނެ، އެފަރާތްތަކަށް އެހީތެރިވުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.

ސަރުކާރުގެ އަމާޒަކީ ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ކޮންމެ ކުއްޖެއްގެ މުސްތަގުބަލު ރައްކާތެރިކުރުންކަމަށެވެ. އެގޮތުން، ތައުލީމާއި، ޞިއްޙީ ދާއިރާއާއި، އިޖުތިމާޢީ އެކި ޕްރޮގްރާމްތަކުގެ ތެރެއިން އިންވެސްޓްކޮށް، ދިވެހި މުޖުތަމަޢުގެ އެންމެ މުހިންމު ބިންގާ ކަމުގައިވާ އާއިލީ ގުޅުންތައް ދެމެހެއްޓުމަށް މި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ބެލެނިވެރިން ނުވަތަ ޕޭރަންޓްސް ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ބެލެނިވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމެވެ.