ޚަބަރު

ރެފިޔުޖީ ކޭމްޕުތަކަށް ޔަހޫދީންގެ ޙަމަލާތައް ހުއްޓައިލުމުގެ ވިސްނުމެއް ނެތް


ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޠޫލްކަރަމްއާއި ނޫރް ޝަމްސް ރެފިއުޖީ ކޭމްޕަށް ޔަހޫދީ އަސްކަރިއްޔާއިން ދެމުންދާ ޙަމަލާތައް ޖުލައި މަހުގެ 31ވަނަ ދުވަހާ ހަމައަށް ދިގުދައްމައިލުމަށް ޔަހޫދީން ނިންމައިފިއެވެ.

ޔަހޫދީން ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕުތަކަށް ޙަމަލާ ދޭން ފެށީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 21ވަނަ ދުވަހުއެވެ. ފުރަތަމަ ޖަނީންއަށް ޙަމަލާ ދިނުމަށް ފަހު ޔަހޫދީން ފަހުން ވަނީ ޠޫލްކަރަމްއާއި ނޫރް ޝަމްސް ހިނެމޭ ގޮތަށް އެ ޙަމަލާތައް ފުޅާކޮށްފައެވެ.

ޠޫލްކަރަމްގެ ގަވަރުނަރު އަބްދުالله ކާމިލް ވިދާޅުވީ އަސްކަރީ ޙަރަކާތް އިތުރަށް ކުރިއަށް ގެންދިޔުމަށް ޔަހޫދީން ނިންމި ނިންމުމުން، އަސްކަރީ ޙަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވި އެތައް ހާސް ބަޔަކު ތަހައްމަލް ކުރަމުންދާ ތަކުލީފު ދިގުދެމިގެންދާނެ ކަމަށެވެ. ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ޔަހޫދީން ސުންނާފަތިކޮށްލައި، ވިޔަފާރި އިމާރާތްތަކަށް ގެއްލުންދީ، ރެފިއުޖީ ކޭމްޕުތަކުގައި ބުލް ޑޯޒަރު ޖެއްސުމުގެ ސަބަބުން، ކޭމްޕުތަކުގައި ދިރިއުޅޭ މީހުންގެ އިންސާނީ އަދި އަޤްތިޞާދީ ޙާލަތަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަވަރުނަރު ވަނީ ހުޅަނގު އައްސޭރީގެ ކޭމްޕުތަކަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ޙަމަލާތައް ހުއްޓުވައިދިނުމަށް ބައިނަލްއަޤްވާމީ އިދާރާތަކާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުގެ ކިބައިން ގޮވާލައްވައިފައެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން ޔަހޫދީ އަސްކަރިއްޔާއާއި ހުލަނގު އައްސޭރީގެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ޔަހޫދީ ވަަޒަންވެރިން ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅެމުން ދިޔަ 1،168 މީހުން ޝަހީދުކޮށްލައިފައެވެ. އެ ޙަމަލާތަކުގައި އިތުރު 12،660 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ. އަދި އިތުރު 33،000އެއްހާ މީހުން ހައްޔަރުކޮށްފައިވެއެވެ.