ޚަބަރު

ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11އަށް


  • މިދިޔަ ހަފުތާގައި އިތުރު 2 މީހުން ޕޮސިޓިވްވި

  • ކޮންޓެކްޓުން ދެނެގަތުމާއި ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުން

ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ އެޗްޕީއޭއާ ގުޅިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ދަނީ ހިމަބިހިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ހިމަބިހި ކަމަށް ޝައްކު ކުރެވޭނަމަ ހޮސްޕިޓަލުގެ ވަކި ޑެސްކެއް މެދުވެރިކޮށް ޚިދުމަތް ލިބޭނެ މަގުވަނީ ފަހިކޮށްދީފައެވެ.

އެޗްޕީއޭއިން ވިދާޅުވީ، މިދިޔަ ހަފުތާގެ ތެރޭގައި ހިމަބިއްސައް އިތުރު 2 މީހުން ޕޮސިޓިވްވެ، މި ބައްޔަށް ޕޮސިޓިވްވީ މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށެވެ. އަދި މި ދެމީހުންވެސް ފެނިފައިވަނީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއްވައެވެ.

މިކޭސްތަކާ ގުޅިގެން ކޮންޓެކްޓްރޭސިންގެ މަސައްކަތްތަކާއި ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން ބައްޔަށް ޕޮސިޓީވްވި މީހުންނާއި ކޮންޓެކްޓްވި މީހުންގެ އަދަދު 152 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއްވައެވެ.

ހިމަބިއްސަކީ، ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލި ފާހަގަވެފައިވަނީ ކޮވިޑާއި އެބޯލާ، ޓީބީއާއި ފުލޫފަދަ ބަލިތަކަށްވުރެވެސް ހަލުވިކޮށް ފެތުރޭ ބައްޔެއްގެ ގޮތުގައެވެ. އަވައްޓެރި ބަންގުލަދޭޝް އަދި އިންޑިޔާ ފަދަ ޤައުމުތަކުގައި މިބަލި ހަލުވިކަމާއިއެކު ދަނީ ފެތުރެމުންނެވެ.

އެޗްޕީއޭއިން ވަނީ، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިޔުމަށް ވަނީ އަންގަވާފައެވެ. މީގެ އިތުރުން ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، މި ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒު ފުރިހަމަކުރުން ކަމަށާއި، ވީއެންމެ އަވަހަކަށް ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށްވެސް ސިއްޙީ މާހިރުންނާއި، ޑޮކްޓަރުންގެ އިތުރުން އެޗްޕީއޭއިންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.