ޚަބަރު

މަރުހޫމް ޙަލީމްގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ


  • ޚިދުމަތުގެ ބޮޑުބައެއްގައި ޙަލީމް މަސައްކަތްކުރެއްވީ މުލިއާގޭގައި

  • ރާއްޖޭގެ ކުރީގެ 6 ރައީސުންނާއެކު މަސައްކަތް ކުރެއްވި

  • ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންނެވި

ރާއްޖޭގެ ކުރީގެ 6 ރައީސުންނާއެކު އިޚްލާސްތެރިކަމާއެކު މަސައްކަތްކުރެއްވި އިބްރާހީމް ޙަލީމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، އިބްރާހީމް ޙަލީމް ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، އޭގެތެރެއިން ބޮޑުބައެއްގައި މަސައްކަތް ކުރެއްވީ މުލިއާގޭގައި ކަމަށެވެ. ކުރީގެ 6 ރައީސުންނާއެކު މަސައްކަތް ކުރައްވާފައިވާއިރު، އިބްރާހީމް ޙަލީމް ދިވެހި ދައުލަތަށް ޚިދުމަތްކޮށްދެއްވީ އިޚުލާޞްތެރި ކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ޚިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އެމަނިކުފާނަށް ވަނީ، ލިބިވަޑައިގެންފައެވެ. އިބްރާހީމް ޙަލީމް އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް އިބްރާހީމް ޙަލީމް ލެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.