ޚަބަރު

އދގެ އާއްމު މަޖިލީހުގެ އައު ރައީސަށް ތަހުނިޔާ ފޮނުއްވައިފި


  • ޑރ.ޚަލީލުއްރަޚްމާން ވަނީ، އދގެ އާންމު މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައި

  • މިއީ ދެކުނު އޭޝިއާ ސަރަހައްދަށް ލިބުނު ފަޚުރެއްކަމަށް ރައީސް ވިދާޅުވި

އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްގެ މަޤާމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ.ޚަލީލުއް ރަޙްމާން އިންތިޚާބުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު މިމަޤާމަށް އިންތިޚާބުވުމާއި ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މުހިންމު މަޤާމަށް އިންތިޚާބުވުމާއެކު ކާމިޔާބީއަށް އެދޭ ކަމަށެވެ. އެމަނިކުފާނު ވަނީ، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރުގެ ރިޔާސަތުގެ ތެރެއިން އާންމު މަޖިލީހުގެ މި ދައުރުވެސް މެންބަރު ޤައުމުތަކަށް މުހިންމު މަންސައަކަށް ވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މިއީ ބަންގްލަދޭޝް ރައްޔިތުންނާއި އަދި މުޅި ދެކުނު އޭޝިއާ ސަރަހައްދަށްވެސް ފަޚުރުވެރި ދަނޑިވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު މިމަޤާމަށް އިންތިޚާބުވުމާއި ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްވެސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، މިއީ ބަންގްލަދޭޝަށް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށާއި، ޑރ. ޚަލީލުއް ރަޙްމާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއާއި އެހެން ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ދެގޮތެއްނުވާ ރޫޙާއެކު އދގެ އާންމު މަޖިލީހުގައި ޚިދުމަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި އާންމު މަޖިލީހުގެ ތެރެއިން، ދެފަރާތުން ގުޅިގެން ކުރިއަށް ދިޔުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލުކުރުމުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެމްބަރު މަހުއެވެ. އދގެ ޢާންމު މަޖިލީހަކީ، 193 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މިއީ، ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ. އަދި މި މަޖިލީހަކީ، ދުނިޔޭގެ ހުރިހާ ޤައުމަކުން ތަމްސީލުކުރާ ދަރުބާރަކަށް ވުމާއެކު، މިއީ ދުނިޔޭގެ ޤައުމުތަކަށް ކުރިމަތިވާ ތަފާތު މައްސަލަތަކާއި މެދު ބަހުސްކުރެވޭ އަދި އެވަގުތެއްގެ ދުނިޔޭގެ ސިޔާސީ، އިޤްތިސާދީ އަދި އިޖުތިމާއީ ހާލަތު ވަރަށްވެސް ރަނގަޅަށް ތަމްސީލުކޮށްދޭ މަޖިލީހެކެވެ. އާންމު މަޖިލީހުން، އދގައި އަދާކުރާ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ލަފާގެ މަތިން، ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އައްޔަން ކުރުމާއި، ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ނޫން މެމްބަރުން އައްޔަން ކުރުމާއި، ޔޫއެންގެ ބަޖެޓު ފާސްކުރުން ހިމެނެއެވެ.