ޚަބަރު

އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި


  • ޕްރޮގްރާމުގައި ބައިވެރިވެވޭނީ 18އަހަރާއި 35 އަހަރާއި ދެމެދުގެ އަންހެނުންނަށް

  • ޕްރޮގްރާމް ކުރިއަށްދާނީ އަންނަ ހަފްތާ ބަންދުގައި

  • ޕްރޮގްރާމުގައި ރަޖިސްޓްރީވެވޭނީ ގޫގަލް ފޯމް މެދުވެރިކޮށް

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށްގެންދާ އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިފަހަރުގެ މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ އުމުރުން 18އަހަރާއި 35 އަހަރާއި ދެމެދުގެ އަންހެނުންނަށެވެ.

މިފަހަރުގެ ޕްރޮގްރާމްގެ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 އަދި 6ވާ ހުކުރު، ހޮނިހިރު ދެ ދުވަހުއެވެ. ޕްރޮގްރާމް ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތު ހޯލުގެ 5ވަނަ ފަންގިފިލާގައެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން، ލީޑަރޝިޕް ދާއިރާގެ އެތައް ބައިވަރު ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ބައިވެރިވާ ފަރާތްތަކަށް ހަނދާނީ ލިޔުން ދެވޭނެކަމަށާއި، އެންމެ މޮޅު ލީޑަރޝިޕް ސިފަތައް ދައްކައިދޭ 10 ބައިވެރިންނަށް "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޔޫތު ލީޑަރޝިޕް އެމްބެސެޑަރ"ގެ މަގާމު ދިނުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ގޫގަލް ފޯމް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.