ޕާޓީގެ ދަފްތަރުގައި ޤާނޫނުނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ނެތުމުން ދަ ޑިމޮކްރެޓްސްއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި މި ދެ ޕާޓީއަށް މެންބަރުން ހަމަކުރެވިފައި ނުވާކަމަށެވެ. އިލެކްޝަންސްއިން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ރަޖިސްޓްރީގައި ތިބީ 1569 މެމްބަރުންކަމަށާއި، އަދި އެމްއެލްއެސްޑީޕީގައި ތިބީ 1357 މެމްބަރުންކަމަށެވެ. އެހެން ކަމުން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އަދި ދަ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީތައް ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.
އުވާލަން ނިންމާފައިވާ ޕާޓީތަކުގެ ތެރެއި ދަ ޑިމޮކްރެޓްސް އަދި އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 2023 ވަނަ އަހަރު ޖުލައި މަހުއެވެ. ނަމަވެސް ފަހުން ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާހެން، ޕާޓީގެ އިސްސަފުގައި ތިބި ބައެއް މީހުން ވަނީ އެ ޕާޓީ ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅި ވަޑައިގެންފައެވެ.
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަކީ މީގެ ކުރިން 2023 ވަނަ އަހަރުވެސް އުވާލަން ނިންމި ޕާޓީއެކެވެ. ނަމަވެސް އެ ޕާޓީ އުވާލާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމާއެކު އެ ޕާޓީ އަލުން ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މިދިޔަ އަހަރު ނޮވެންބަރު މަހު ވަނީ ހިމަނާފައެވެ.