ޚަބަރު

ފިޗުގެ ރޭޓިންއާއެކު ދުނިޔޭގެ އިތުބާރު އަލުން ރާއްޖެއަށް


  • ފިޗްގެ ރޭޓިންއަށް އިންވެސްޓަރުން ބަރޯސާވެ

  • ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ އަންނަމުން

ކްރެޑިޓް ރޭޓިންގ ތައްޔާރުކުރުމުގެ ދުނިޔޭގެ ސިނާއަތުގެ 95 އިންސައްތަ ހިއްސާކުރާ ތިން ކުންފުނީގެ ތެރެއިން، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ މޫޑީސް އިންވެސްޓަރސް ސަރވިސް (ޖޫސް) އާއި ފިޗް ރޭޓިންގސް (ފިޗް) އަށެވެ. މި ދެ ކުންފުނިން ދަނީ ކޮންމެ އަހަރަކު ރާއްޖެއާއި ގުޅޭ ގޮތުން އާންމުކޮށް ލިބެން ހުންނަ ތަފާސް ހިސާބާއި މަޢުލޫމާތުގެ އިތުރަށް ރާއްޖެއަށް ޒިޔާރާތްކޮށް، ކަމާބެހޭ އޮފީސްތަކާއި ރާއްޖެއާ ގުޅުންހުރި ބޭރުގެ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ހޯދަމުންނެވެ. މިގޮތުން ފިޗްއިން އެންމެފަހުން ނެރުނު ރޭޓިންގައި ވަނީ ރާއްޖޭގެ ރޭޓިންގ "ސީސީ" އިން "ސީސީސީ -" މަތިކޮށްފައެވެ. ފިޗްއިން މީގެ ކުރިން ރާއްޖޭގެ ރޭޓިންއަށް ދަށްކުރީ ރާއްޖެއިން އަދާކުރަން ޖެހޭ ބޭރުގެ ދަރަނިތައް ބޮޑުވުމާއި ގުޅިގެން ރާއްޖޭގެ މާލީ ހާލަތަށާއި އިޤްތިޞާދަށް އެކަމުގެ ބޮޑެތި ހިރާސްތަކެއް ހުރުމުންނެވެ. ނަމަވެސް މިއަހަރުގެ ރޭޓިން ރިވިއު ކުރުމުގެ ތެރެއިން ފިޗްއިން ވަނީ ރޭޓިން މަތިކޮށްފައެވެ.

ރާއްޖޭގެ ރޭޓިންގް މަތިކުރުމުގެ މައިގަނޑު ސަބަބެއް ގޮތުގައި ފިޗްއިން ފާހަގަކޮށްފައިވަނީ ރާއްޖެ އަދާ ކުރަންޖެހޭ ދަރަނިތައް ސަރުކާރުން އަދާކޮށްފައިވުމެވެ. އެގޮތުން 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުން ރޭޓިން މައްޗަށް ޖެއްސުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗް ރޭޓިންގްސްއިން ވަނީ ފާހަގަކޮށްފައެވެ. ސުކޫކް ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން 175 މިލިޔަން ޑޮލަރުގެ އަދި ރިޒާވުން 350 މިލިޔަން ޑޮލަރު ބޭނުންކޮށްގެންކަން ފިޗްއިން ވަނީ ފާހަގަކޮށްފައެވެ. މި ދަރަނިތައް އަދާކުރުމާއި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މިއަހަރު ފެށުނުއިރު މިއަހަރު ތެރޭ ދައްކަން އޮތް 1.1 ބިލިޔަން ޑޮލަރުގެ ދަރަނި މިހާރު 535 މިލިޔަން ޑޮލަރަށް ދަށްކޮށްފައިވާކަން ފިޗްއިން ފާޙަގަކުރެއެވެ. މި ދަރަނީގެ ބޮޑުބަޔަކީ ސުކޫކްކަން ފިޗްއިން ފާހަގަކުރެއެވެ..

ރާއްޖޭގެ ރޭޓިން މައްޗަށް ޖެއްސިއިރު އާމުދަނީ އިތުރުކުރުމަށް ފަށާފައިވާ އިޞްލާޙުތަކާއި ބޭރު ފައިސާއާ ބެހޭ ޤާނޫނު ތަންފީޛުކުރުމުގެ ސަބަބުން، ދައުލަތަށް ބޭރު ފައިސާގެ އާމުދަނީ ހޯދުމުގެ ޤާބިލުކަން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ފިޗްއިން ބުނެއެވެ. އަދި ދައުލަތުން ބޭރުގެ ދަރަނިތަކަށް ދައްކަންޖެހޭ މިންވަރު މަދުވުމާއި، ބައިނަލްއަޤްވާމީ އަދި މަލްޓިލޭޓަރަލް ޖަމްޢިއްޔާތަކުގެ އެހީތެރިކަން މެދުނުކެނޑި ލިބުމަކީ، ކުރިއަށް އޮތް ކުރު މުއްދަތުގައި ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ލިބި، ދުވަސްތަކެއްގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް އަލުން ބިނާކުރުމަށް ބާރަކަށް ވެގެންދާނެ ކަމެއްކަން ފިޗްއިން ވަނީ ފާޙަގަކޮށްފައެވެ.

ފިޗް ރޭޓިންގްސްއިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ބާރުމިނެއްގައި ކުރިއަރާނެއެވެ. ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، އާ ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރަށް ގެނެވޭ ތަރައްގީއާއެކު ރާއްޖޭގެ އިގްތިސާދީ ދުވެލި މެދު ރާސްތާގައި ވަރުގަދަވާނެއެވެ.

ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި އިގްތިސާދަށް ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 4.5 އިންސައްތައަށް ކުރިއަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މިއީ ދުރު ރާސްތާއިން އަންނަ، މަތީ ފަންތީގެ ފަތުރުވެރިން އިތުރުވަމުންދިއުމާ ގުޅިފައިވާ ކުރިއެރުމެކެވެ..

ފިޗްގެ ރޭޓިން މަތިކުރުމާއި ގުޅިގެން މާލީ ވަޒީރު މޫސާ ޒަމީރުވެސް ވަނީ، ފިޗްއިން ރޭޓިން މަތިކޮށްފައިވަނީ 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމުންކަން ފާހަގަކޮށްފައެވެ. އަދި ކޮންމެހެން ބޭނުންތެރި މާލީ އިޞްލާޙުތައް ތަންފީޛުކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ހިކުމަތްތެރިކާމާއި އިރުޝާދުތަކަށް މާލީ ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ދިވެހިރާއްޖޭގެ މެކްރޯ-ފިސްކަލް (ޖުމްލަ މާލީ) ހަމަޖެހުން ޤާއިމުކުރުމަށާއި، ޤައުމުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑަކަށް ރުޖޫޢަކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ގޮތަށް މަސައްކަތް ކުރުމުގައި ދެމި އޮންނާނެކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ..

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މި އަންދާޒާތަކުން ދޭހަވަނީ ބައިނަލްއަގްވާމީ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަރުގަދަކަމެވެ. އަދި ދުނިޔޭގެ ހާލަތު ރަނގަޅުވުމާއެކު، އިގްތިސާދީ އިންފްރާސްޓްރަކްޗަރާއި، ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރުގެ ނިޒާމަށް ކުރެވިފައިވާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ސަބަބުން ދެމެހެއްޓެނިވި ކުރިއެރުމަކަށް މަގުފަހިވެފައިވާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ ގޮތުގައި، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، އިގްތިސާދީ ގާބިލުކަން އިތުރުކުރުމާއި، ބޭރުގެ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެއެވެ. އަދި މެދު ރާސްތާގައި އިގްތިސާދީ ކުރިއެރުން ދެމެހެއްޓެނިވި، ޝާމިލު، އަދި ވަރުގަދަ ކުރިއެރުމަކަށް ހެދުމަށްޓަކައި، މެކްރޯ އިކޮނޮމިކް ހަމަޖެހުން ހިފެހެއްޓުމާއެކު އުފެއްދުންތެރި އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެވެ..