ޚަބަރު

ސަބަލެންކާ ބަލިކޮށް ޑަޔާނާ ސެމީ އަށް


މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ރަޝިޔާގެ ޑަޔާނާ ޝްނެއިޑާ ހޯދައިފި އެވެ.

ޝްނެއިޑާރ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓަރ ފައިނަލުގައި ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ބެލަރޫސްގެ އެރީނާ ސަބަލެންކާ ދެ ސެޓު އެއް ސެޓުން ބަލިކުރުމަށްފަހުގަ އެވެ.

މި މެޗުގެ ފުރަތަމަ ސެޓު 3-6 ގެ ނަތީޖާއަކުން ސަބަލެންކާ ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި ޑަޔާނާ ވަނީ މޮޅު ކުޅުމެއް ދައްކާ ހަތެއް ފަހެއް އަދި ހައެއް ސުމެއްގެ ނަތީޖާއަކުން މި ދެ ސެޓު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު ކުއާޓަރ ފައިނަލުގެ ދެވަނަ މެޗުގައި ޕޮލެންޑްގެ ކޮލިފަޔާ, މަހާ ޗްވަލިންސްކާ ވަނީ ރަޝިޔާގެ އަނާ ކަލިންސްކާޔާ އާއި ދެކޮލަށް ކުޅުނު މެޗު ސީދާ 2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.

ޗްވަލިންސްކާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމާއިއެކު އޭނާ ވެފައިވަނީ ރޮލެންޑް ގެރޮސް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދި ދެވަނަ ކޮލިފަޔާރ އަށެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ޗްވަލިންސްކާ އާއި ދެކޮޅަށް ނިކުންނާނީ ޝްނެއިޑާ އެވެ.