މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
ކުރިން މި އެކްސްޕޯގައި ބައިވެރިވުމަށް ދީފައިވާ ޑެޑްލައިން އަކީ މިމަހުގެ 1 ވަނަދުވަހެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި އެކްސްޕޯގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 6 ވާ ހޮނިހިރުދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. މިއީ އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ މުވައްސަސާތަކާއި އިދާރާތަކަށް ރަޖިސްޓްރީވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
މި އަހަރުގެ ފައިނޭންޝަލް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއީ މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމަށާއި، މާލީ ހިދުމަތްދޭ ފަރާތްތަކާ އެއްތަނަކުން ބައްދަލުކޮށް، އެ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށްދިނުމަށް އެމްއެމްއޭ އިން އިންތިޒާމުކުރާ ހަރަކާތެކެވެ.
މި އެކްސްޕޯއަކީ ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން މާލީ އެހެނިހެން އިދާރާތަކަށް އެ ފަރާތްތަކުގެ ހިދުމަތްތައް ދައްކާލުމަށާއި ކަސްޓަމަރުންނާ ސީދާ ބައްދަލުކޮށް މައުލޫމާތު ބަދަލުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
އެމްއެމްއޭ އިން މީގެ ކުރިން 2015 އަދި 2017 ވަނަ އަހަރު ވެސް ފައިނޭންޝަލް އެކްސްޕޯ ބާއްވާފައިވާއިރު، އެ ދެ އަހަރުވެސް އާންމުންގެ ބޮޑު ތަރުހީބެއް މި ހަރަކާތަށް ލިބިފައިވެއެވެ. މި އަހަރުގެ އެކްސްޕޯގައި ބައިވެރިވާ މުއައްސަސާތަކުން އާ ހިދުމަތްތަކާއި މުހިންމު އެތައްކަމެއް ތައާރަފުކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް އެމްއެމްއޭ އިން ފާހަގަކުރިއެވެ.
އެކްސްޕޯގެ އިތުރުން މާލީ އިދާރާތަކުން ދޭ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ، މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑުގެ ނަމުގައި އެވޯޑެއް ތައާރަފް ކުރުމަށްވެސް ނިންމަވާފައެވެ. އަދި މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 28 ވަނަދުވަހާއި ހަމަޔަށް ވަނީ ހުޅުވާލާފައެވެ.
މިއެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން [email protected] އަށް މިއެވޯޑަށް އެދި ހުށަހަޅާ ސީވީއާއި ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށް ވަނީ ހާމަކުރަށްވާފައެވެ. މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި، ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދޭ އެވޯޑެއް ކަމަށެވެ. އެމްއެމއޭއިން ހާމަކުރި ގޮތުގައި މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސްގައި ޖުމްލަ 7 އެވޯޑު ދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ، މާލީ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭއިން ޚާއްސަ އަހައްމިއްޔަތުކަންދޭ ދާއިރާތައް ކަމަށްވާ މާލީ ބައިވެރިވުން އިތުރު ކުރުމާއި، މާލީ ހޭލުންތެރިކަން އިތުރު ކުރުމާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މާލީ ޚިދުމަތްތައް އިތުރު ކުރުމުގެ އިތުރުން ގްރީން ފައިނޭންސް ކުރިއެރުވުމާ ގުޅޭ ދާއިރާތަކުންނެވެ.
އެމްއެމްއޭގެ އަމާޒަކީ، މި އެވޯޑުގެ ސަބަބުން މާލީ ޚިދުމަތްތައް ދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ މާލީ ޚިދުމަތްތަކެއް ދިނުމަށް ބާރުއެޅުމެވެ. އަދި މިއީ ދާއިރާގެ ވާދަވެރިކަން އިތުރުވެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބާރުއެޅޭނެ ކަމެއް ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މި އެވޯޑް ދިނުން އޮންނާނީ އަންނަމަހުގެ 1 ވަނަދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައިކަމަށް އެމެއެމްއޭއިން ވިދާޅުވިއެވެ.