ގައުމީ ޓީމު ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގޯލާ ރައްޓެހި ކުޅުންތެރިން އައިޑެންޓިފައިކޮށް، ރެކްރޫޓްކުރަންޖެހޭކަމަށް ގައުމީ ޓީމަށް އިރުޝާދުދެމުން އަންނަ ތަޖުރިބާކާރު ކޯޗް އިސްޓަވާން އުރުބާނީ ބުނެފިއެވެ.
މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗް ބުނީ، ގައުމީ ޓީމު ތަރައްގީކުރުމުގެ ޕްލޭނަކާއެކު ކުރިއަށްދާއިރު، ދެން އަޅަންވީ މުހިންމު އެއް ފިޔަވަޅަކީ ގޯލާ ރައްޓެހި ކުޅުންތެރިން އައިޑެންޓިފައިކޮށް، އެކުޅުންތެރިން ގައުމީ ޓީމަށް ރެކްރޫޓްކުރުމުގެ މަސައްކަތް ކަމަށެވެ.
މިހާރުވެސް ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން ތިބިކަން ފާހަގަކޮށް، ކްލަބުތަކުގެ މެދުގައި ކުރިއަށްދާ މުބާރާތްތަކުގައި މޮޅެތި ގޯލުތައް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެންނަކަން ކޯޗް ފާހަގަކުރިއެވެ. ބައިނަލްއަގްވާމީ މެޗުތަކުގައި އޮންނަ ޕްރެޝަރު އެތައް ތަނެއް މަތިއިރު، މިހާރުވެސް ފާހަގަކުރެވޭ މޮޅެތި ކުޅުންތެރިން އިތުރަށް ކުރިއެރުވުމަށް ބައިނަލްއަގްވާމީ ގިނަ މެޗުތަކެއް ކުޅުވުން މުހިންމުކަން ކޯޗްވަނީ ފާހަގަކޮށްފައެވެ.
"ކާމިޔާބު ޓީމެއް އުފެއްދުމަށްޓަކައި އަހަރުމެންކުރަންވީ ކަމަކީ ގޯލާ ރައްޓެހި ކުޅުންތެރިން އައިޑެންޓިފައިކޮށް، ރެކްރޫޓްކުރުން. މިސާލަކަށް ބަލަމާ، ރާއްޖޭގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ މުބާރާތްތަކުގަ ސެންޓޭވެސް އެބަހުރި އެއް މެޗުގަ ތިން ގޯލުވެސް ޖަހާފަ. އެއާ ޚިލާފަށް ބައިނަލްއަގްވާމީ މެޗުތައް އެބަ ތަފާތުވޭ. އިލާން އަކީވެސް ވަރަށް ގަދައަށް މަސައްކަތްކުރާ ކުއްޖެއް. އެހެންނަމަވެސް އިލާންވެސް ކުރިއަރުވަން އެބަޖެހޭ މިފަދަ ގިނަ މެޗުތައް ކުޅުވަން" ކޯޗް ބުންޏެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގަ ރާއްޖެ ކުޅުނު ދެވަނަ މެޗުން ބަލިވެ ފައިނަލުގެ ފުރުސަތު ގެއްލިފައިވާއިރު، އެމެޗާ ގުޅޭގޮތުން ކޯޗް ބުނީ މެޗުން ބަލިވުމަކީ މާޔޫސްކަން ގެނުވާކަމެއްކަމަށެވެ. މެޗުގެ ކުރިން ވިއްސާރަވެހުމާ ގުޅިގެން ދަނޑުގެ ވިނަގަނޑު ތެމުމުގެ ސަބަބުން ކުޅުންތެރިންގެ ކޮންފިޑެންސަށް އަސަރުކުރިކަން ފާހަގަކުރަމުން ކޯޗު ބުނީ، ލަސް ކުޅުމަކުން މެޗު ފެށިކަމަށްވިޔަސް ވަކި ހިސާބަކުން ރާއްޖޭގެ ޓީމުން ކުޅުން ރަނގަޅުކުރިކަމަށެވެ.
ޕާކިސްތާނުން ރާއްޖޭގެ ގޯލު ފޫ އަޅުވާލުމާއެކު، އެޓީމަށް އިތުރު ހިތްވަރެއް ލިބި ކުޅުން ރަނގަޅުކުރިކަމަށްން ކޯޗް ފާހަގަކުރިއެވެ. އެޓީމުން ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރުވި ކުޅުންތެރިން ތަފާތުކަމަށާއި ވަކިވަކި ކުޅުންތެރިންގެ ފަރާތުން ތަފާތު ކޮލިޓީތައް ފެނިގެންދިޔަން ކޯޗް ފާހަގަކުރިއެވެ.
"ބަލިވުމަކީ މާޔޫސްކަން ގެނުވާކަމެއް. މެޗުގެ ކުރީކޮޅު މެޗުގެ ކޮންޓްރޯލްވެސް ރާއްޖޭގެ ޓީމު ނެގިތަން ފެނުނު. އެހެންނަމަވެސް އުފައްދާ ހަމަލާތައް ގޯލަކަށް ހަދާ ނުލެވޭކަމަށްވަންޏާ، މިފަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވާނެ. އިދިކޮޅު ޓީމުގެ ވަކިވަކި ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅެތި ކޮލިޓީތައް ފާހަގަކުރެވުނު. އެޓީމުގެ ބެންޗުން އެރުވި ސަބްސްޓިޓިއުޓުންގެ ކުޅުންވެސް ވަރަށް ރަނގަޅު. މިއަދުގެ މެޗުގަ އެންމެ ތަފާތު ދެއްކީ އެ ކުޅުންތެރިން" ކޯޗް ބުންޏެވެ.
މެޗުގެ 53 ވަނަ މިނިޓުގައި ޕާކިސްތާނުން ލަނޑެއްޖެހުމާއެކު، ރާއްޖޭގެ ކުޅުންތެރިންނަށް ޕްރެޝަރަކަށްވިކަން ކޯޗް ފާހަގަކުރިއެވެ. ކޯޗް ބުނީ މެޗުގެ ތެރެއިން ހެދޭ ކުޑަކުޑަ ގޯހެއްގެ ފައިދާވެސް އިދިކޮޅުން ނަގާނެކަމަށާއި އިދިކޮޅުން ލީޑު ނެގުމަކީ އަނެއް ޓީމުގެ ކުޅުމަށް އަސަރުކުރާކަމެއް ކަމަށެވެ.
"މި ލެވެލްގަ ހެދޭ އެންމެ ގޯހެއްގެ ފައިދާވެސް އިދިކޮޅުން ނަގާ ގޯލަކަށް ހެދުމުގެ ފުރުސަތު އޮންނާނެ. އިދިކޮޅުން ގޯލެއް ޖެހުމާ އެއްކޮށް ރާއްޖޭގެ ޓީމަށް އިތުރު ގޮންޖެހުންތަކެއް އަންނާނެ" ކޯޗް ބުންޏެވެ.
މި މެޗުން 3-0 ގެ ތަފާތަކުން ރާއްޖެ ޓީމު ބަލިވި ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭކަމަށް ކޯޗުވަނީ ބުނެފައެވެ. ރާއްޖޭގެ ކުޅުންތެރިންވެސް ވަރަށް ހިތްވަރާއެކު ހަމަލާތައް އުފެއްދިއިރު، އެހަމަލާތައް ކާމިޔާބުވާގޮތްނުވީކަމަށް ކޯޗް ބުންޏެވެ.
"ޖުމްލަގޮތެއްގައި ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު. ހިތްވަރާއެކު މަސައްކަތްކުރި. ރާއްޖެއިން މެޗު ފެށީ ތަންކޮޅެއް ލަސް ކުޅުމެއްގަ. މެޗުގެ ކުރިން ވިއްސާރަވެހުމާ ގުޅިގެން ވިނަގަނޑު ތެމި، ޗަކަވުމަކީ ކުޅުންތެރިންގެ ކޮންފިޑެންސްއަށް އަސަރުކުރާނެ ކަންކަން. އެހެންނަމަވެސް ރާއްޖޭގެ ޓީމުންވެސް ހަމަލާތައް އުފެއްދި" އުރްބާނީ ބުންޏެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގަ ޕާކިސްތާނު އަތުންވީ ބައްޔާއެކު މުބާރާތުގެ ފައިނަލުގެ އުންމީދު ރާއްޖެއަށްވަނީ ގެއްލިފައެވެ. މުބާރާތުގަ ރާއްޖޭގެ ފަހު މެޗަށް ޓީމު ނުކުންނާނީ އަންނަ އާދީއްތަ ދުވަހުއެވެ. ރާއްޖެއާ ދެކޮޅަށް އެމެޗުގައި ކުޅޭނީ ބަނގްލަދޭޝްއެވެ. މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ތާވަލުކޮށްފަވަނީ އަންނަ ބުދަ ދުވަހުގެ ރެޔަށެވެ.