ޚަބަރު

ޔަހޫދީން ހިފި ލުބްނާނުގެ ސަރަޙައްދުތަކުން ފައިބަންޖެހޭ: އީރާން


ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމަ ފެށުމުގެ ކުރިން، ލުބްނާނުގައި ޔަހޫދީ ސިފައިން ހިސާބަށް ފަހަތަށް ޖެހެން އީރާނުން ޑިމާންޑުކުރަން ފަށައިފިއެވެ.

އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީގެ އިސް ވެރިޔާ އިސްމާޢީލް ޤާނީ ވިދާޅުވީ، ލުބްނާނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ ދިފާޢުގައި ތެދުވުމަކީ، މުޅި އިސްލާމީ އުއްމަތުގެ މައްޗަށް ވާޖިބެއް ކަމަށެވެ.

މިގޮތުން، މިދިޔަ ފެބްރުއަރީ 28ގައި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ނިވަލުގައި، ޔަހޫދީންގެ ނިރުބަވެރި ސިފައިން އަރައި، ހިފާފައިވާ ލުބްނާނުގެ ބިންތަކުން ޔަހޫދީ ސިފައިން ބޭލުމަކީ ޙާޞިލްކުރެވޭނެ ކަމެއް ކަމަށެވެ.

ލުބްނާނުގެ ވެރިރަށް ބޭރޫތަށް ޙަމަލާދިނުމަށް ޔަހޫދީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކޮށްފައިވީ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ދެކެވުނު ހޫނު ވާހަކަތަކަކަށް ފަހު އޭނާ ވަނީ އެ ޢުދުވާން މަޑުޖައްސައިލާފައެވެ.

ނަމަވެސް، ލުބްނާނުގެ ދެކުނު ސަރަޙައްދުތަކަށް ޙަމަލާދިނުން ކުރިއަށް ގެންދާނެކަމަށް ޔަހޫދީން ވަނީ ބުނެފައެވެ.

ޤާނީ ވިދާޅުވީ، ޔަހޫދީންގެ އިސްތިޢުމާރާ ދެކޮޅަށް ތެދުވެފައިވާ ލުބްނާނުގެ މުޖާޙިދުން ބޭނުންވަނީ، މި ހަނގުރާމަ ފެށުމުގެ ކުރިން ލުބްނާނުގައި ޔަހޫދީން ސިފައިން ތިބި ހިސާބަށް ފަހަތަށް ޖެހެން ކަމަށެވެ.

އެކަމަށް އީރާނުން ފުރިހަމައަށް ތާޢީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލުބްނާނުގެ ދެކުނުގެ ބޮޑު ސަރަޙައްދެއް ޔަހޫދީންގެ އިސްތިޢުމާރީ ބާރުގެ ދަށަށް ގެނެސްފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް، ހަނގުރާމަ ފެށުމާއެކު، މިދިޔަ މާޗް މަހުން ފެށިގެން ޔަހޫދީންގެ ނިރުބަވެރި ސިފައިން ވަނީ ލުބްނާނުގެ ދެކުނުގެ ސަރަޙައްދުން އިތުރު 10 ކިލޯމީޓަރު ކުރިއަށްޖެހި، އެ ސަރަޙައްދަށް އަތްގަދަކޮށްފައެވެ.

އެޕްރީލް 17 އަށްފަހު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ޔަހޫދީން އެއްބަސްވެފައި އޮތް ނަމަވެސް، މާރިޗު 2 ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ލުބްނާނުން 3,500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އެ ޙަމަލާތަކުގައި 10،000އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.