ޚަބަރު

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސް، ސަމާލުވޭ!


  • އަންނަ ހުކުރު ދުވަހާ ހަމައަށް އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވާނެ

  • މާދަމާއިން ފެށިގެން ވާރޭވެހޭ މިންވަރު މަދުވާނެ

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، މިއަދުވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، އަންނަ ހުކުރު ދުވަހާ ހަމައަށް އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ރާއްޖޭގެ ބޮޑުބަޔަކަށް ކަނޑުގަދަވި ނަމަވެސް މާދަމާއިން ފެށިގެން ވާރޭވެހޭ މިންވަރު މަދުވާނެކަމަށެވެ. ކުރިއަށްއޮތް 24ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުލަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުންދާ ދުވަސްވަރަކަށް ވުމާއެކު، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.