އެމެރިކާގެ ބައިވެރިވުމާއެކު ހުޅަނގު އޭޝިޔާ ސަރަޙައްދުގައި ޙަމަލާތައް ބަދަލުކުރުން މެދުކަނޑައިލުމަށް ތިން އެއްބަސްވުމެއް އެކުލަވައިލާފައިވީ ނަމަވެސް، މި ހަފުތާގައި އެކަނިވެސް ފަލަސްޠީނުގެ ޣައްޒާއާއި، ލުބްނާނުގެ ދެކުނުގެ އިތުރުން ބަޙްރަޔިނާއި ކުވަޔިތުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ވަނީ ވަރުގަދަ ޙަމަލާތަކެއް އަމާޒުވެފައެވެ.
ޙަމަލާ ބަދަލުކުރުން ހުއްޓުމަކަށް ގެނެވިފައި ނުވާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖޫން 3 ގައި ވިދާޅުވީ، ހުޅަނގު އޭޝިޔާގައި އެކުލަވައިލާފައިވާ އެއްބަސްވުންތަކުން ފެންނަނީ ހަނގުރާމަ މުޅިން ހުއްޓުމަކަށް ގެނައުމުގެ ބަދަލުގައި "މެދު މިންވަރަކަށް ޙަމަލާ ބަދަލުކުރަމުންދާ" މަންޒަރު ކަމުގައެވެ. ޓްރަމްޕްގެ ސަރުކާރުން އިސްނަގައިގެން އެކުލަވައިލި ތިން އެއްބަސްވުމުގެ ބޭނުމަކީ ހަނގުރާމައާއި ޙަމަލާ ބަދަލުކުރުން މުޅިން ހުއްޓުމަކަށް ގެނައުން ކަމުގައިވީ ނަމަވެސް، ބޮޑެތި ކުރިމަތިލުންތަކާއި ޢުދުވާންތައް މަދުވުން ފިޔަވައި، ބޮންއެޅުން ދަނީ މެދުކެނޑުމެއްނެތި ކުރިއަށެވެ. އަދި، ޔަހޫދީން ދަނީ އިތުރު މުސްލިމުން ޝަހީދުކުރަމުންނެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު 2025 އޮކްޓޫބަރު 10 ގައި އެކުލަވައިލި އެއްބަސްވުމުގެ ދަށުން އަސީރުން މިނިވަންކޮށްފައިވީ ނަމަވެސް، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުމާމެދު ދެ ފަރާތުގެ ދެމެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. އަދި ހަތިޔާރު ބެހެއްޓުމަށް ޙަމާސްއިން ދެކޮޅު ހަދަމުންދާއިރު، ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ ބިމުގެ %70 ފޭރިގަންނަން މަސައްކަތް ކުރަމުންނެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި 900 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޖޫން 4 ގައި އެކަނިވެސް ނުވަ މީހުން ޝަހީދުކޮށްލާފައިވެއެވެ.
ލުބްނާނަށް ބަލައިލާއިރު، ޙަމަލާތައް މެދުކަނޑައިލުމަށް އެޕްރީލް 16 ގައި ޓްރަމްޕް އިޢުލާނުކުރެއްވި 10 ދުވަހުގެ އެއްބަސްވުމަށްފަހު ވެސް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެތައް ސަތޭކަ މީހުން ޝަހީދުކޮށްލައި، މާރިޗު 2 ގެ ފަހުން ޝަހީދުކޮށްލާފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 3،500 އަށްވުރެ މައްޗަށް އުފުލިފައެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله ގެ ޙަމަލާތަކުގައި ވެސް ޔަހޫދީ ސިފައިންގެ 26 މީހުންނާއި ޢާންމުންގެ ހަތަރު މީހުން ވަނީ މަރައިލާފައެވެ.
އީރާނުން ބޭނުންވަނީ، އެމެރިކާއާއެކު އެކުލަވައިލާ ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުން ޔަހޫދީ ފައުޖުން ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ވެސް ނިމުމަކަށް ގެނައުމަށެވެ. ޓްރަމްޕް ވިދާޅުވީ، ލުބްނާނާއި ޔަހޫދީންނާ ދެމެދު އައު އެއްބަސްވުމަކަށް އަމަލުކުރަން ފަށާފައިވާ ކަމުގައެވެ. އަދި، އެ އެއްބަސްވުމުގެ ދަށުން ލުބްނާންގެ ދެކުނުގެ ބިންތަކުން ޙިޒްބުالله ގެ މުޖާހިދުން ބޭލުމަށް ޝަރުޠުކޮށްފައިވީ ނަމަވެސް، އެ ޖަމާޢަތުން ވަނީ އެ ކަމަށް އިންކާރުކޮށްފައެވެ.
ތިންވަނަ އެއްބަސްވުން ގުޅިފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމުގެ ނަމުގައި ޓްރަމްޕް އިސްވެ ފެބުރުވަރީ 28 ގައި އެ ޤައުމާ ދެކޮޅަށް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައާއެވެ. ތެހްރާނާއި ވޮޝިންގޓަނުން އެއްބަސްވެ، ޙަމަލާތައް މެދުކަނޑައިލާފައި ވަނީ އެޕްރީލު 8 ގައެވެ. ހަނގުރާމައިގެ ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، ގަލްފުގެ ޤައުމުތަކުގެ ހަކަތައިގެ އެކްސްޕޯޓަށް ހުރަސްއަޅާފައެވެ. އެ ކަމާ ގުޅިގެން ދުނިޔޭގެ އިޤުތިޞާދަށް ބޮޑު ލޮޅުމެއް އެރިއެވެ.
ތެހްރާން-ވޮޝިންގޓަން އެއްބަސްވުން އިޢުލާނުކޮށް، ޕާކިސްތާނާއި ޤަޠަރު މެދުވެރިވެގެން ނުސީދާގޮތެއްގައި ވާހަކަތައް ދެކެވުނު ނަމަވެސް، އަދިވެސް ފުރިހަމަ އެއްބަސްވުމަކަށް އާދެވިފައިނުވާއިރު، ހުރިހާ އެއްބަސްވުމެއްގެ ފުރަތަމަ ފިޔަވަހީގައި އެ އެއްބަސްވުންތަކަށް މި ވަނީ ބުރޫއަރާފައެވެ. ލަންޑަނުގެ ރޯޔަލް ޔުނައިޓެޑް ސަރވިސަސް އިންސްޓިޓިއުޓްގެ ދާރިސް، އަރބަން ކަނިންގްހަމް ވިދާޅުވީ، މި މައްސަލަތަކަށް ސިޔާސީ ޙައްލެއް ނުހޯދޭނަމަ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް ދެމެހެއްޓުމަކީ އުނދަގޫ ކަމަކަށްވާނެ ކަމުގައެވެ. މީގެ އިތުރުން، އެކުވެރި ދައުލަތްތައް (އދ) ފަދަ ބައިނަލްއަޤުވާމީ އިދާރާތަކާއި ޖަމުޢިއްޔާތަކުގެ ނުފޫޒު ކުޑަވުމާއި، ސަރަޙައްދީ ބާރުތަކުގެ ނުފޫޒު ގަދަވުމަކީ ވެސް ދިގު މުއްދަތުގެ އެއްބަސްވުންތައް ދެމެހެއްޓުމަށް އޮތް ހުރަހެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.