ޚަބަރު

ބޮޑުތަކުރުފާނުމަގުގައި ގްރީން ބެލްޓެއް، މަގު ފެހިކުރުމަށް ޚާއްސަ ޕްލޭނެއް


  • ގަސް އިންދުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވިދާޅުވި

  • އެންމެންގެ ބައިވެރިވުން މުހިއްމުކަމަށް ރައީސް ވިދާޅުވި

ބޮޑުތަކުރުފާނުމަގު ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގައި އެ މަގު ފެހިކުރުމަށްޓަކައި ޚާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މަގު ހެދުމުގެ މަސައްކަތުގައި ހިމެނެނީ، ލޯކަލް މާރުކެޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް އޮތް ސަރަޙައްދެވެ.

އެވަގުތެއްގައި ރައްޔިތުންގެ ވިންދު އެކަމަކާ ގުޅިފައިވާ ދާއިރާއަކަށް ޚާއްސަކޮށްގެން، މަޢުލޫމާތު ހިއްސާކުރުމަށް ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވީ ތިމާވެށީގެ ދާއިރާއިން ގަސް އިންދުމުގެ މަޝްރޫޢަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. ސަރުކާރުން ވަނީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާފައެވެ. އަދި
އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގައިވެސް ފެހިކަން އިތުރުކުރުމަށް އިސްކަންދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެތެރެއިން ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫޢުގައި އެ މަގު އިތުރަށް ފެހި ކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ވިސްނުމުގައި މިހުރީ ގްރީން ބެލްޓެއް ކްރިއޭޓުކުރުން، ގަސް އިންދުމުގައި، ބޮޑެތި ޕޮޓްތަކުގައި، ބޮޑެތި ގަސް ޖަހާފައި، ބަކި ބަރިއަކަށް، ބިންމަތީގައި އިންދާ ގަސްތައް ހުންނާނީ ވަކި ދުރުމިނެއްގައި މެދުގައި ޕޮޓްތައް ހުންނާނީ، ތަންކޮޅެއް ފެހި ބެލްޓެއް ގޮތަށް ފެންނާނީ، ކުރިއަށް ވުރެއް ހިތްގައިމުކޮށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ މަސައްކަތްތަކަކީ ހުރިހާ އެންމެންގެ ބައިވެރިވުން މުހިއްމު ކަންތައްތައްކަމަށެވެ.

މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 5 ސެގްމަންޓަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ފުރަތަމަ ސެގްމަންޓުގައި ހިމެނޭ ލޯކަލް މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ވަނީ ތަރައްޤީކޮށް ނިންމާފައެވެ. މިހާރު ކުރަމުންދަނީ، ސެގްމަންޓު 2، 3 އަދި 4 ގެ މަސައްކަތެވެ. އެމްޓީސީސީން މަސައްކަތުގެ އަދާހަމަ ހިއްސާ ކޮށްފައިވާއިރު، މިސެގްމަންޓުތަކުގެ ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

މަގު ހެދުމުގެ މަސައްކަތުގައި ހިމެނެނީ، ލޯކަލް މާރުކެޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް އޮތް ސަރަޙައްދެވެ.