ޚަބަރު

38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަންތައް ފަށައިފި


  • އޮޑިޝަން ބުރު ކުރިއަށްދާނީ އަތޮޅުތައް ވަކިން

  • މުބާރާތް ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެން

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންތައް މިއަދު ފަށައިފިއެވެ. މި މުބާރާތުގެ އޮޑިޝަންތައް ފަށާފައިމިވަނީ، އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށްދާނީ، އަތޮޅުތައް ވަކިން ކަމަށެވެ. އެގޮތުން މިއަދާއި މާދަމާ އޮޑިޝަން ބުރު ކުރިއަށްދާނީ، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ އަދި ނ. މަނަދޫގައެވެ.

އަދި ޖޫން 12 އާއި 13 ގައި ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އއ. ރަސްދޫ އަދި އދ. މަހިބަދޫގައި އޮޑިޝަން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، 19 އަދި 20 ޖޫންގައި ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ތ. ވޭމަންޑޫގައި އޮޑިޝަން ބުރު ބާއްވާނެ ކަމަށާއި، 26 އަދި 27 ޖޫންގައި ލ. ފޮނަދޫ، ގއ، ވިލިނގިލި، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި މީދޫގައި އޮޑިޝަން ބުރު ބޭއްވުމަށް ހަަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، މާލެ އަތޮޅުގެ ރަށްތަކަށް ބާއްވާ އޮޑިޝަން ބުރު އޮންނާނީ، ޖުލައި މަހުގެ 3 އާއި 4 ވަނަ ދުވަހު މާލެ ސިޓީގައި ކަމަށެވެ. އަދި މާލެ ސިޓީގެ އޮޑިޝަން ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ، 5 ޖުލައިން 11 ޖުލައިގެ ނިޔަލަށް ކަމަށެވެ. އޮޑިޝަން ބުރުތަކަށްފަހު މިމުބާރާތް ފަށާނީ، ސެޕްޓެމްބަރު މަހުގެ 10 ގައެވެ.

މިއަހަރުގެ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި މުޅި ރާއްޖެއިން 3،053 ބައިވެރިން ވަނީ ނަން ހުށަހަޅާފައިވެއެވެ.

ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ކުރިއަށް ގެންދާނީ، ތިން ބުރަކަށް ބަހާލައިގެންނެވެ. އޮޑިޝަން ބުރަށްފަހު ސެމީފައިނަލްއާއި ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މުބާރާތުގެ ސެމީފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، %80 އިން މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންނެވެ. އަދި މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީފައިނަލުގެ ކޮންމެ ކެޓަގަރީއަކުން، %85 އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ. ސެމީ ފައިނަލާއި ފައިނަލް ބުރު އޮންނާނީ، ސެޕްޓެމްބަރު މަހުގެ 11 އިން 19 އަށެވެ.

ޤަވާއިދަށް އަލަށް ގެނައި ބަދަލާއެކު މުބާރާތުގެ ސެމީފައިނަލް ބުރާއި، ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ފެނަލުގައިވެސް މަދުވެގެން ބައިނަލްއަޤުވާމީ ފެންވަރުގެ ފަޑިޔާރަކު އިންނަވާނެއެވެ.

މި މުބާރާތުގެ ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ ޢުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި، ޙާފިޡުންގެބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. މީގެ އިތުރުން މިބައިތަކުން މުޅި މުބާރާތުން 1ވަނައަށް ހޮވޭ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.