ޚަބަރު

އިރާނުގެ ޓީމަށް އެމެރިކާއިން ވިސާ ދީފި


ވޯލްޑްކަޕްގައި އިރާން ކުޅެންޖެހޭ ފުރަތަމަ މެޗު ފެށެން 10 ދުވަހަށް ވެފައިވަނިކޮށް އެމެރިކާއިން އިރާން ޓީމުގެ މެމްބަރުންނަށް ވިސާ ދީފި އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ރޮއިޓަރސް އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އިރާނުގެ ޓީމުގައި ހިމެނޭ ހުރިހާ އެންމެނަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދޫކޮށްފައިވާ ކަމަށެވެ. އިރާނުން ވޯލްޑްކަޕްގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖޫން މަހުގެ 15 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލެސް ގަ އެވެ.

ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން އިރާނުން ވަނީ ތުރުކީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ވަނީ އެމެރިކާގެ ވިސާއަށް އެދި ޑޮކިއުމެންޓްތައް ހުށައަޅާފަ އެވެ.

ގްރޫޕް ސްޓޭޖުގައި އިރާނުން ކުޅެން ޖެހޭ ތިން މެޗުވެސް އެމެރިކާގައި ކުޅެން އޮތް އިރު އެމެރިކާއަށް އެތެރެވުމުގެ ވިސާ ލަސްވުމުގެ ސަބަބުން, ފީފާ އާއި މަޝްވަރާ ކުރުމަށްފަހު އިރާނުން ވަނީ އެ ޓީމުގެ ބޭސް މުބާރާތް ބާއްވާ މެކްސިކޯއަށް ބަދަލުކޮށްފަ އެވެ.

އެގޮތުން އެމެރިކާ އާއި މެކްސިކޯގެ ބޯޑަރ ގުޅޭ ސަރަހައްދެއް ކަމުގައިވާ ތިހުއާނާގައި އިރާން ބޭސްވެފައިވާއިރު ކޮންމެ މެޗަކަށްވެސް އިރާނުން ދަތުރު ކުރާނީ މެކްސިކޯއިންނެވެ. ނަމަވެސް މިހާރު ވިސާ ލިބުމާއިއެކު މިކަމަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އިރާނާއި އެމެރިކާ އާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު އެކަމުގެ އަސަރު ވަނީ މިފަހަރުގެ ވޯލްޑްކަޕަށްވެސް ކޮށްފަ އެވެ.