ޚަބަރު

17 ބިދޭސީން ފާސްކޮށް، 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • ރެއިޑު ކުރިއަށް ގެންދިޔައީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް އަމާޒުކޮށް

ޤަވާއިދާ ޚިލާފަށް އުޅުނު 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ.

އިމިޤްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ހިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންގައި 17 ބިދޭސީއެއް ބަލާ ފާސްކޮށް، 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ދަނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންނެވެ. މިކަމަށް ޙައްލެއް ގެނައުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ޤަވާއިދާ ޚިލާފަށް އުޅޭ އަދި ޤަވާއިދާ ޚިލާފަށް ދިވެހީންގެ ނިވަލުގައި ތިބެ އެކި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުޞަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.