ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި


  • ވޯޓުލުން ބަންދުވާނީ ހަވީރު 4:00 ގައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މިހާތަނަށް 1000 އަކަށް ވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން މިއަދު 12:00 ހަމައަށް ޖުމްލަ 1080 މީހުން ވަނީ ވޯޓުލާފައެެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ 26.21 އިންސައްތައެވެ. ވޯޓުލާފައިވަނީ 551 ފިރިހެނުންނާއި 529 އަންހެނުން ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.

މިއިންތިޚާބުގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބެއެވެ. އެއީ 2073 އަންހެނުންނާއި 2048 ފިރިހެނުންނަށެވެ.

ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން ބަންދުވާނީ ހަވީރު 4:00 ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ.