ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ދަނޑުތަކަށް ފެންފުޅި ވެއްދުން ކުއްލި ގޮތަކަށް މަނާ ކުރުމަށް ފަހު ފީފާއިން ނިންމުން ބަދަލުކޮށްފި އެވެ.
ފީފާގެ ނިންމުން ބަދަލު ކުރަން ޖެހުނީ އެމެރިކާގެ ސިޔާސީ ފަރާތްތަކުންނާއި އާއްމުންގެ ކަންބޮޑުވުން ފާޅު ކުރަން ފެށުމުންނެވެ. މިހާރު ހަމަޖައްސާފައިވާ ގޮތުން ދަނޑަށް ވެއްދޭނި ބަންދުކޮށް ސީލްކޮށްފައިވާ ޕްލާސްޓިކް ކުޑަފެންފުޅިއެކެވެ. ފުޅިގެ ބޭރުގައި ހަރުތޮއްޓެއްލާފައިވާ ރީފިލް ކުރެވޭ ފުޅި ނުވެއްދޭނެ އެވެ. ފީފާއިން ބުނީ މިއީ ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން ދަނޑަށް ފެންފުޅި ނުވެއްދޭނެކަން އިއުލާނު ކުރުމަށްފަހު ފީފާއިން ބުނީ އެއީ ފެންފުޅިފަދަ ތަކެތި ދަނޑަށް އުކުމާއި ފުޅިން އެކަކު އަނެކަކަށް ހަމަލާ ދިނުން ފަދަ ކަންކަން ހުއްޓުވަން އެޅި ފިޔަވަޅެއް ކަމަށެވެ.
"ފީފާއިން ޖެހޭ ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން ވެސް ކުޅުންތެރިންނާއި ރެފްރީންނާއި ސަޕޯޓަރުންނާއި ވޮލަންޓިއަރުންނާއި މުވައްޒަފުންގެ ސަލާމަތްތެރިކަން ޔަގީން ކުރަން. މި ނިންމުމަކީ ދަނޑުގައި ތިބޭ މީހުންނާއި ކުޅުންތެރިންނަށް ލިބިދާނެ ހާނިއްކަ އަކުން ސަލާމަތް ކުރުމަށް އެޅި ފިޔަވަޅެއް،" ފީފާގެ ބަޔާނުގައި އޭރު ބުނެފައިވެ އެވެ.
ނަމަވެސް މި ނިންމުމާމެދު ފީފާ އަށް ވަނީ ވަރަށް ބޮޑަށް ވަނީ ފާޑުކިއުން އަމާޒުވި އެވެ. ހާއްސަ އިނގިރޭސި ސަޕޯޓަރުންގެ ގްރޫޕްތަކުންނެވެ. އެންމެ ފަހުން މިކަމުގެ ތެރެއަށް ނިއުޔޯކް ސިޔާސީ މީހުން ވަދެ ފީފާ އަށް ފާޑުކިޔަން ފެށި އެވެ. ސަބަބަކީ އެމެރިކާގެ ހޫނުމިން 32 ޑިގްރީ ސެލްސިއަސް އާއި 35 ޑިގްރީ ސެލްސިއަސް އަށް އަރައިގެންދާނެ ކަމަށް ލަފާކުރެވިފައިވާއިރު މެޗު ބަލަން ދާ މީހުން ފެންފުޅި ގެންދިއުމަށް ސިއްހީ މާހިރުންނާއި އެމެރިކާގެ ސިއްހީ އިދާރާތަކުން ވެސް ލަފާދީފައި އޮތުމެވެ.
ދަނޑަސް ފެންފުޅި ނުވައްދަން ފީފާއިން ނިންމީ މާލީ ގޮތުން އިތުރު ފައިދާ ހޯދުމުގެ ގޮތުން ކަމަށް ވެސް ފާޑުކިޔާ މީހުން ބުނަން ފެށި އެވެ. އެއީ ދަނޑުތަކަށް ފެންފުޅި ވެއްދުން މަނާކޮށްފައިވާއިރު ދަނޑުގައި ފެނާއި ކާބޯތަކެތި ވިއްކާނީ ފީފާގެ ޕާޓްނަރެއް ކަމަށްވާ ކޮކާކޯލާއިން ކަމަށްވުމެވެ. ފެންފުޅި ނުވެއްދެތީވެ އެންމެން ވެސް ޖެހޭނީ ދަނޑުތަކުގައިވާ ކޮކާކޯލާ އައުޓްލެޓްތަކުން ފެންގަންނާށެވެ. މި އައުޓްލެޓަށް ލިބޭ އާމްދަނީގެ ބައެއް ފީފާ އަށް ލިބޭނެ އެވެ.
ފީފާގެ ސްޓޭޑިއަމް ގައިޑްލައިނުގައި ކުރިން ބުނެފައި އޮތީ ކޮންމެ މީހަކަށް ވެސް ދަނޑަށް ރީފިލް ކުރެވޭ އެއް ލިޓަރުގެ ފެންފުޅިއެއް ވެއްދިދާނެ ކަމަށެވެ. ނަމަވެސް މި ނިންމުން ބަދަލު ކުރީ ވޯލްޑް ކަޕުން އެކަނި ފީފާއިން 12 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދަން އަމާޒު ހިފާފައިވަނިކޮށެވެ. މިހާރު ވެސް ޓިކެޓްގެ އަތުތައް މަތިވެގެންނާއި އެމެރިކާގެ އެތެރޭގެ ހިދުމަތްތަކުގެ އަގުބޮޑުވުމުގެ މައްސަލާގައި ވަނީ ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވަފަ އެވެ. މިފަހަރުގެ މުބާރާތް ކުޅޭއިރު ހޫނު ގަދަވާނެތީވެ ފީފާއިން ވަނީ ކުޅުންތެރިންނަށް ކޮންމެ ހާފެއްގައި ވެސް ތިން މިނިޓްގެ ވޯޓަ ބްރޭކެއް ވެސް ދޭން ނިންމައިފަ އެވެ.