ފީފާ ވޯލްޑްކަޕާއި މި ފަހަރު މޮރޮކޯ ކުރިމަތިލާނީ ކުރިން ހޯދިފައިނުވާ އިތުރު ކާމިޔާބީތަކެއް ހޯދުމަށް ކަމަށް އެ ޓީމުގެ ގޯލުކީޕަރު ޔަސީން ބޯނޯ ބުނެފި އެވެ.
ފީފާގެ ވެބްސައިޓަށް ދީފައިވާ އިންޓަވިއުއެއްގައި ބޯނޯ ބުނެފައިވަނީ މޮރޮކޯގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ކިބައިގައި މި މުބާރާތުގައި އިތުރު ކާމިޔާބީތަކެއް ހޯދުމުގެ ކޮލިޓީ އެބަހުރި ކަމަށެވެ.
"މި ކުޅުންތެރިންނަކީ ކޮލިޓީ މޮޅު ކުޅުންތެރިންތަކެއް. އަދި މިއީ ވޯލްޑްކަޕް ކަމަށްވާއިރު ކުޅުންތެރިންގެ ވިސްނުން ހުރީ މުބާރާތުގައި ރަގަޅު ނަތީޖާތަކެއް ހޯދުން." ބޯނޯ ބުންޏެވެ
"ބައެއް ކުޅުންތެރިންނަށް މިއީ އެންމެ ފަހުގެ ވޯލްޑްކަޕަށްވެސް ވެދާނެ އަދި މިއީ ބައެއް ކުޅުންތެރިންނަށް ފުރަތަމަ ވޯލްޑްކަޕް އެހެންކަމުން ކޮންމެ ކުޅުންތެރިއެއްވެސް ނިކުންނާނީ މި މުބާރާތުގައި ރަގަޅު ނަތީޖާތަކެއް ހޯދަން. ވޯލްޑްކަޕްގައި ކުޅުމަކީ ހުރިހާ ކުޅުންތެރިންގެވެސް ހުވަފެނެއް." ބޯނޯ އިތުރަށް ބުންޏެވެ.
ބޯނޯ މިމޭރުމުން ވާހަކަ ދައްކާފައިވާއިރު, 2022 ވަނަ ގަތަރުގައި ބޭއްވި ވޯލްޑްކަޕްގައި މޮރޮކޯ ވަނީ ސެމީ ފައިނަލުގައި ކުޅެ ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމުގެ ޝަރަފު ހޯދާފަ އެވެ.
ވޯލްޑްކަޕްގެ ގްރޫޕް ސީ ގައި މޮރޮކޯ އާއިއެކު ދެން ހިމެނެނީ ބްރެޒިލް އާއި ސްކޮޓްލޭންޑްގެ އިތުރުން ހެއިޓީ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މޮރޮކޯ ނިކުންނާނީ ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް އާއި ދެކޮޅަށެވެ.
ބޯނޯ އިތުރަށް ބުނެފައިވަނީ މި މުބާރާތަށް ނިކުންނައިރު މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ވަރުގަދަ ޓީމުތަކެއް ތިބި ކަމަށެވެ. ނަމަވެސް އެ ޓީމުން މަސައްކަތް ކުރާނީ 2022 ގައި ލިބުނު ކާމިޔާބީއަށްވުރެ ކުރިއަށް ދިއުން ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ވޯލްޑްކަޕާއި މޮރޮކޯ އިން ކުރިމަތިލާއިރު އެ ޓީމުން ވަނީ ނިމިގެންދިޔަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ސެނެގާލް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. ނަމަވެސް މެޗުގައި ހިނގާދިޔަ ކަންތައްތައް އެފްކޮންސް އިން ބެލުމަށްފަހު މެޗުން މޮރޮކޯ މޮޅުވި ކަމަށް ނިންމާ މޮރޮކޯއަށް ވަނީ ޗެމްޕިއަންކަން ދީފަ އެވެ.