ޚަބަރު

އީރާނަށް ހަމަލާ ދިންތާ 100 ދުވަސް، އެމެރިކާގެ ރައްޔިތުން ހިތްހަމަނުޖެހިފައި


ޖޫން މަހުގެ 8ވަނަ ދުވަހަކީ އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށިތާ 100 ދުވަސް ފުރޭ ދުވަހެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމާ ގުޅޭ އެއްބަސްވުމަކަށް ޢަމަލުކުރަމުންދާތާ ދުވަސްތަކެއް ވި ނަމަވެސް އަދިވެސް ދާއިމީ ގޮތަކަށް ޙަމަލާ ނިމުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތަކަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އިސްވެ ހަނގުރާމަ ފެށި އެމެރިކާގެ ރައްޔިތުންގެ މެދުގައި ވެސް އީރާންއާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ މި ހަނގުރާމަ މަޤްބޫލެއް ނުވިއެވެ. މި ހަނގުރާމަ ވެފައި މި ވަނީ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އޭނާގެ ސިޔާސީ ޕާޓީއަށް އޮތް ނުރައްކަލަކަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ހަނގުރާމަ ފެށުމުމުގެ ކުރިން ވެސް އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާގެ ގިނަ ރައްޔިތުން ދެކޮޅު ކަމަށް ޕޯލްތަކުގެ ނަތީޖާތަކުން ދައްކާފައިވެއެވެ. ހަނގުރާމަ ފެށުނު ފަހުން ވެސް ޢާންމުންގެ ވިސްނުން ހުރީ އެހެންނެވެ. އެ ހަނގުރާމައަކީ ބޭނުމެއް ނެތް، އަދި ޤައުމަށް ގެއްލުންހުރި ހަނގުރާމައެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޔުނިވަސިޓީ އޮފް މެރީލެންޑްއިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި ހަނގުރާމައިގައި އީރާނުގެ މައްޗަށް އެމެރިކާއިން ކުރި ހޯދާފައިވާ ކަމަށް ނުވަތަ ކުރި ލިބެމުންދާ ކަމަށް ޤަބޫލުކުރަނީ އެންމެ 16 އިންސައްތަ މީހުންނެވެ. ދިރާސާއިން އިތުރަށް ދެއްކި ގޮތުގައި ވޯޓުލާ އާބާދީގެ ގިނަ ބަޔަކު ޤަބޫކުރާ ގޮތުގައި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ މަސްލަހަތަށް ފައިދާވުމުގެ ބަދަލުގައި ލިބެނީ ގެއްލުމެެވެ.

ކަމާބެހޭ ތަޖުރިބާކާރުން ޤަބޫލުކުރައްވައި ގޮތުގައި ހަނގުރާމަ ކުރުމަކީ އެމެރިކާގެ ގިނަ ރައްޔިތުން ހިތްވަރުދޭ ކަމަކަށް ނުވާތީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ބާއްވާ އެމެރިކާގެ މެދު ދައުރުގެ އިންތިޚާބުގައި ޓްރަމްޕްެއަށް ލިބިވަޑައިގަންނަވާ ނަތީޖާ ހިތިވުމުގެ ފުރުޞަތު އެބަ އޮތެވެ. ޤައުމުގެ އިޤްތިޞާދު ދަށަށް ދިޔުމާ ގުޅޭ ކަންބޮޑުވުންތައް އިތުރުވަމުންދާ ކަމަށް ވެސް އެ ބޭފުޅުން ވަނީ ފާހަގަކުރައްވައިފެެވެ. ޚާއްޞަ ގޮތެއްގައި ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވެ، ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު އުފުލުމަކީ ވެސް އެ ބޭފުޅުން އެ ކަމާ މެދު ނުހަނު ކަންބޮޑުވާ މައްސަލައެެކެވެ. އެމެރިކާގައި ވެސް ހަކަތައާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އިޤްތިޞާދީ ފިއްތުންތައް ދަނީ ކުރިމަތިވަަމުންނެވެ. މެދިއިރުމަތީގެ ހަނގުރާމައަކީ ހަމައެކަނި ޚާރިޖީ މައްސަލައެއް ނޫން ކަމަށާއި، އެއީ އިޤްތިޞާދީ ގޮތުން ބޮޑު އަނދަވަޅެއް ކަމަށް މީހުން ދެކެއެވެ. އެއާއެކު އެމެރިކާގެ ރައްޔިތުން ސަރުކާރަށް ކުރަމުންދާ އިތުބާރު ދަނީ ގެއްލެމުންނެވެ.

އިންސްޓިޓިއުޓް ފޮރ ގްލޯބަލް އެފެއާޒް، އައިޖީއޭއިން ކުރި ދިރާސާރަކުން ދައްކާ ގޮތުގައި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 58 އިންސައްތަ މީހުން ޓްަރަމްޕް ހަނގުރާމައާ ގުޅޭގޮތުން ޢަމަލުކުރައްވަމުންދާ ގޮތާ މެދު ހިތްޖަމަ ނުޖެހެއެވެ. 79 އިންސައްތަ މީހުން ބުނީ ހަނގުރާމައިގެ ސަބަބުން ދިރިއުޅުމުގެ އަގު އުފުލިފައިވާ ކަމަށެވެ. ޓްރަމްޕް ވިދާޅުވަމުން ދަނީ އެމެރިކާގެ ރައްޔިތުންނައް މާލީ ގޮތުން ކިތަންވެ ދަތިވިޔަސް އެ ހަނގުރާމައަކީ އީރާނުން ނިއުކްލިޔަރ ހަތިޔާރެއް ހޯދުން ހުއްޓުވުމަށް ކޮންމެހެން ކުރަންޖެހޭ ހަނގުރާމައެއް ކަމަށެވެ. ނަމަވެސް އީރާނުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ޞުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.