ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިރާގުގެ ފުޓްބޯޅަ ޓީމު އެމެރިކާއަށް ދިއުމުން ފޯވަޑް އައިމަން ހުސައިން ހަތް ގަޑިއިރު ހިފަހައްޓައިފި އެވެ.
އިރާގުގެ މީޑިއާތަކުން ބުނަނީ 40 އަހަރު ފަހުން އެ ގައުމު ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިން ގޯލު ޖަހައިދިން ފޯވަޑްގެ އެއާޕޯޓުގައި ހިފަހެއްޓި ވަކި ސަބަބެއް އެމެރިކާގެ އިމިގްރޭޝަނުން ބުނެފައި ނުވާ ކަމަށެވެ.
އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އެންޑް ދަ ހޯމް ލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ވަނީ އިރާގު ޓީމު އެމެރިކާގެ ޗިކާގޯ އެއާޕޯޓަށް ދިއުމާއެކު އައިމަންގެ ފޯނު އަތުލައި ޗެކް ކޮށްފަ އެވެ. އަދި އޭނާ އަށް ސުވާލުތަކެއް ވެސް އަމާޒުވި ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ. ޓީމުގެ އެހެން މެމްބަރުންނާއެކު އެމެރިކާ އަށް އެތެރެވުމުގެ ހުއްދަ ލިބުނީ ހަތް ގަޑިއިރު ވަންދެން އިމިގްރޭޝަނުގެ ބެލުމުގައި ދަށުގައި ބެހެއްޓުމަށްފަހު އެވެ.
އިރާގު ޓީމުން އެމެރިކާ އަށް އެތެރެވުމުގެ ފުރުސަތު ދެން ނުލިބުނީ ޓީމުގެ ފޮޓޯގްރާފަރަށެވެ. އޭނާ އިރާގުގެ އޮލިމްޕިކް ކޮމިޓީގައި ވެސް މަސައްކަތް ކުރާ ފޮޓޯގްރާފަރު އެއާޕޯޓުގައި 10ގަޑިއިރު ބެހެއްޓި އެވެ. އޭނާގެ ފޯނު ވެސް ވަނީ ޗެކްކޮށްފަ އެވެ.
އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި އަންނަ ހުކުރު ދުވަހު ފަށާ މުބާރާތުގައި އިރާގު ހިމެނެނީ ފްރާންސާއި ސެނެގާލް އާއިލ ނޯވޭއާއެކު ގްރޫޕް އައިގަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް އެމެރިކާ އަށް އެތެރެވުމުގައި ބައެއް ގައުމުތަކަށް ގިނަ ތުރާތައް ކުރިމަތިވާނެ އެވެ. ސަބަބަކީ އެމެރިކާއިން ބައެއް ގައުމުތަކާމެދު ދެކެމުންދާ ގޮތާއި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އިރާގަކީ މީގެ ތެރެއިން އެއް ގައުމެވެ. އަދި އިރާނާއި ހައިޓީގެ މީހުން އެމެރިކާ އަށް އެތެރެވުން ވެސް ވަނީ މަނާ ކޮށްފަ އެވެ.