ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅޭ އިރާނުގެ ކުޅުންތެރިންނާއި ޓީމު އޮފިޝަލުންގެ ތެރެއިން ބައެއް މީހުންނަށް ވިސާ ދީފައިވިޔަސް 15 މީހަކަށް ވިސާ ނުދީވާ ކަމަށް އިރާނުން ބުނެފި އެވެ.
އެ ގައުމުގެ ރަސްމީ ޓީވީގައި ތަސްނީމް އިން ބުނާ ގޮތުގައި ވިސާ ނުދިން މީހުންގެ ތެރޭގައި ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް އާއި ނާއިބް ރައީސް މެހެދީ މުހައްމަދު ނާބީ އާއި ޓީމުގެ ވީޑިއޯ އެނަލިސްޓުންނާއި އެޑްމިނިސްޓްރޭޓިވް ސްޓާފުން ހިމެނެ އެވެ. މި 15 މީހުންނަށް ވިސާ ނުދިނީ ކީއްވެ ކަމަށް އެމެރިކާއިން ނުބުނެ އެވެ.
"މިއީ ވަރަށް ބޮޑު ތަފާތު ކުރުމެއް. އަހަރުމެން މިދަނީ މިކަމާ ފީފާއާ ވާހަކަ ދައްކަމުން. ފުޓްބޯޅަ މުބާރާތެއް ބާއްވާ ގައުމުގެ ހައިސިއްޔަތުން ހަމަޖައްސައިދޭން ފީފާގެ ގަވާއިދުގައި މަޖުބޫރު ކަންކަން ހުރޭ. އެކަންކަން އެއްފަރާތް ނުކުރެވޭނެ،" އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ބަޔާނުގައިވެ އެވެ.
އެމެރިކާ އާއި އިޒްރޭލް ގުޅިގެން އިރާނާ ދެކޮޅަށް މީގެ ތިން މަސް ކުރިން ފެށި ހަނގުރާމައިގެ ސަބަބުން ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އެމެރިކާއިން ނިންމާފައިވަނީ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޮޕްސް (އައިއާރުޖީސީ) ގައި މަސައްގަތް ކޮށްފައިވާ އެއްވެސް މީހަކަށް ވިސާ ނުދިނުމަށެވެ. އަދި ތުރުކީގެ އަންކާރާގައިވާ އެމެރިކާގެ އެމްބަސީން އިރާނުގެ ޓީމުގެ ބައެއް މެމްބަރުންނަށް ވިސާ ދިނުމަށްފަހު އެކަން މުޅިން ހަމަޖެހިއްޖެ ކަމަށް އިއުލާނުކޮށް އެމްބެސެޑަރު ޓޮމް ބަރަކް ވަނީ އުފާފާޅުކޮށް، އެމެބްސީގެ މުވައްޒަފުންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
މީގެ އިތުރުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ވިސާ ހަމަޖައްސައިދިނީ މެޗު ކުޅެން ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށާއި އިރާނުގެ ކުޅުންތެރިންނާއި ކޯޗިން ޓީމުގެ ބައެއް މީހުންނަށް ވިސާ ހަމަޖައްސައިދީފައި ވަނީ ކުޅުންތެރިންގެ ފަރާތުން ނުރައްކަލެއް ނެތްކަން ޔަގީންވާތީ ކަމަށެވެ. އެހެން ނަމަވެސް ކުޅުންތެރިންނާއި ބައެއް އޮފިޝަލުންގެ ތެރޭގައި ވެސް އައިއާރުޖީސީގައި ކުރިން އުޅެފައިވާ ކުރީގެ ގާޑުން ހިމެނެތީވެ އިރާނު ޓީމުގެ ހަރަކާތްތައް ވަރަށް ގާތުން މޮނިޓަރ ކުރަމުންދާނެ ކަމަށެވެ.
ވޯލްޑް ކަޕުގައި އިރާނުން ކުޅެން ޖެހޭ ތިން މެޗު ވެސް އޮތީ އެމެރިކާގަ އެވެ. ނަމަވެސް އެ ގައުމުގައި ތިބެން އެމެރިކާއިން ހުއްދަ ނުދިނުމުން އިރާން ކޭމްޕް ކުރާނީ އެމެރިކާ އަށް ދިއުމުގެ ދަތުރު ކުރުމަށް މެކްސިކޯގެ ބޯޑަރު ސަރަހައްދުގައިވާ ތިއުވާނާގަ އެވެ. މިތަނުގައި ތިބެފައި ކޮންމެ މެޗަކަށް އެމެރިކާ އަށް ދާނީ މެޗު ކުޅޭ ދުވަހު އެއާޕޯޓުން ދަނޑަށް ދެވޭހާ ވަގުތު އޮއްވަ އެވެ. އަދި މެޗު ނިމިގެން ލަސްނުކޮށް މެކްސިކޯ އަށް ދިއުމަށް ފުރަން ޖެހޭނެ އެވެ.
މިހެންވެ މި ފަހަރުގެ ވޯލްޑް ކަޕް ކުޅޭ 48ގައުމުގެ ތެރެއިން އެންމެ ގިނަ ތުރާތަކާއެކު މުބާރާތް ކުޅެން ޖެހިފައިވާ ގައުމަކީ އިރާނެވެ. ވިސާ ޖަހަން ޕާސްޕޯޓްތައް ތުރުކީގައިވާ އެމެރިކާގެ އެމްބަސީ އަށް ދިނުމަށްފަހު އިރާނުން ބުނެފައިވަނީ ވިސާގެ ކަންކަން އެއްކޮށް ހަމަޖެހޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ވަކި ބަޔަކަށް ވިސާދީފައި އަނެއް ބަޔަކަށް ވިސާ ނުދީފިނަމަ ކަންކުރާނެ ގޮތް އެނގޭނީ އީރާނަށް ކަމަށެވެ.