ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކުލަގަދަކޮށް ނިލަންދޫގައި


  • އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން ދޮރުން ދޮރަށް ހަރަކާތެއް ބޭއްވި

  • ސްކޫލު ކުދިންނަށް ޚާއްސަކޮށްގެން އެސެމްބްލީއެއް ބާއްވާފައިވޭ

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ. ނިލަންދޫގައި ފާހަގަކޮށްފިއެވެ. މިއަހަރުގެ މި ދުވަހުގެ ޝިޢާރަކީ "ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި- ބަލިމަޑުކަމަށް ޙައްލެއް." މި ޝިޢާރެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަނީ، ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 7ގައެވެ. މި ދުވަސް ފާހަގަކުރަނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަން އާންމުންނަށް ކިޔައިދީ، ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައެވެ.

މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ފ.ނިލަންދޫގައިވަނީ، ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ނިލަންދޫގައި ވަނީ، ދޮރުން ދޮރުން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން ރައްކާތެރިކަމާއެކު ކާބޯތަކެތި ތައްޔާރުކޮށް ބޭނުންކުރާނެ ގޮތްތަކާއި އާދަތައް ކިޔައިދީފައިވެއެވެ.

މި ދުވަހާ ގުޅިގެން ވަނީ، ސްކޫލް ކުދިންނަށް ޚާއްސަކޮށް އެސެމްބުލީއެއްވެސް ބާއްވާފައެވެ. މި އެސެމްބުލީގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން ދަރިވަރުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. މީގެއިތުރުން މި ދުވަހާއި ގުޅިގެން ނިލަންދޫގައިވަނީ، ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އެމްއެފްޑީއޭގެ ލޯގޯ އިފްތިތާޙު ކުރުމާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހިންގާ ފަރާތްތަކަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވާ "ސަމާވަރު" ޕްރޮގްރާމް ވަނީ އިފްތިތާޙު ކޮށްފައެވެ.