ސަޕޯޓަރުން ބޭނުންވާފަދަ ނަތީޖާއެއް ނުނެރެވޭކަމަށް ބުނެ ޤައުމީ ޓީމަށް ފާޑުކިޔުން އަމާޒުވަމުންދާއިރު، ދަނޑުގައި ގިނައިން ފެންނަނީ ސަޕޯޓަރުން ނޫން ކަމަށާއި ފެންނަނީ ޓީމު ކުޅުންތެރިންގެ އާއިލާއާއި ރަށްޓެހިންކަމަށް ޤައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ބުނެފިއެވެ.
ދިވެހި ސަޕޯޓަރުންގެ އުއްމީދުތަކާ އެއްގޮތަށް ނަތީޖާ ނުރެވޭ ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން އުރުބާނީ ވަނީ، ފާއިތުވީ ހަތަރު މަހެއްހައި ދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ބަލައި، ދިރާސާކުރިކަމަށް ބުނެފައެވެ.
އޭނާ ކުރި ދިރާސާއިން ފާހަގަވި އެއް ކަމަކީ، ދިވެހި ޓީމުގެ ފަހަތުގައި ދިވެހި ސަޕޯޓަރުން ނެތުން ކަމުގައި އުރުބާނީ ހާމަކުރިއެވެ.
"ފާއިތުވީ ހަތަތު މަހެއްހައި ދުވަހު އަހަރެން ކުރި އެއް ކަމަކީ ދަނޑުމަތީގައާއި ދަނޑު ޕިޗުގެ ބޭރުގައި ހިނގައިދިޔަ ކަންކަން އޮބްޒާވްކުރުން. އެންމެބޮޑަށް ފާހަގަވިކަމަކީ އަހަރުމެންގެ ނެތް ސަޕޯޓަރުންނެއް. ތި ދައްކަނީ ސަޕޯޓަރުންގެ ވާހަކަ. ހަމަ ހަގީގަތުގައި ވެސް އަހަރެންނަކަށް ނުފެނޭ ސަޕޯޓަރުންނެއް. އަހަންނަށް ފެންނަނީ (ކުޅުންތެރިންގެ) އާއިލީ މެމްބަރުން. ރަށްޓެހިން. މެޗު ބަލަން އަންނަތަން. އަހަންނަކަށް ނުފެނޭ ދިވެހި ލީގުގެ މެޗުތައް ބަލަން ސަޕޯޓަރުން އަންނަތަނެއް". އުރުބާނީ ބުންޏެވެ.
ދިވެހި ފުޓުބޯޅައިގެ މައްސަލަތައް ހޯދަން މާ ދުރަށް ދާން ނުޖެހޭ ކަމަށާއި ވަރަށް ކައިރިން އެ މައްސަލަތައް ފެންނަން އެބަހުރިކަމަށް ވެސް އުރުބާނީ ބުންޏެވެ.
"މާ ދުރަކަށް ދާކަށް ނުޖެހޭނެ މައްސަލަތައް ހޯދާކަށް. މައްސަލައަކީ ރާއްޖޭގައި ޝައުގުވެރިކަން ނެތީ. ހަގީގަތުގައި ވެސް ޝައުގުވެރިކަން ނެތީ". ފުޓުބޯޅަ ކުރިއެރުވުމަށް އޮތް ހުރަސްތަކުގެ ވާހަކަ ހިއްސާކުރަމުން އުރުބާނީ ބުންޏެވެ.
ދިވެހި ޓީމުގެ ފަހަތުގައި ދިވެހި ސަޕޯޓަރުން މިއަދު ނެތްކަން އުރުބާނީ ފާހަގަކުރިއިރު، ޑައިމަންޑް ޖުބިލީ މުބާާތުގެ ލީގު ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުތް މެޗަކީ، ތާރީޚުގައި ވެސް ޤައުމީ ޓީމުން ކުޅުނު މެޗެއްގައި އެންމެ މަދުން ދިވެހި ސަޕޯޓަރުން ވަން އެއް މެޗަށް ވާނެއެވެ.
އަދި މުޅިން އަލަށް، ގަލޮޅު ދަނޑުގައި ދިވެހި ޓީމު ކުޅެމުންދިޔަ މެޗެއްގައި ދިވެހި ސަޕޯޓަރުންނަށް ވުރެ، އިދިކޮޅު ސަޕޯޓަރުން ގިނަވި މެޗަށް ވެސް މި މެޗު ވެގެންދާނެއެވެ.