ޚަބަރު

ވަޠަނީ ޚިދުމަތުގެ 3ވަނަ ބުރުގެ ކުދިން ތަމްރީނަށް ފުރައިފި


  • މި ފަހަރުގެ ތަމްރީނަށް 352 ބައިވެރިން ވަނީ ފުރާފައި

  • މި ޕްރޮގްރާމް ތިން މަސް ދުވަހަށް ކުރިއަށްގެންދާނެ

  • މި ޕްރޮގްރާމުގެ 2 ބެޗުގައި 680އަށްވުރެ ގިނަ ދަރިވަރުން ތަމްރީނުވި

ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ޒުވާނުން ބިނާކުރުމާ ގުޅޭ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރުގެ ކުދިން ތަމްރީނަށް ޅ. މާފިލާފުއްޓައް ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލި 1785 ދިވެހި ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް ޓްރޭނިންގގެ 3 ވަނަ ބެޗުގެ ތަމްރީނަށް ފުރާފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ.މާފިލާފުށިގައި ތިންމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަޚުލާޤާއި ސުލޫކު، ލީޑަރޝިޕް އަދި ހަށިހެޔޮކަމުގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން މި ޒުވާނުންނަށް ތަމްރީނު ދެވޭނެކަމަށް ވިދާޅުވިއެވެ.

އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ކުރިޔަށް ގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.

ނޭޝަނަލް ސަރވިސް ޓްރޭނިންގގެ 3 ވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅުން 115 ރަށަކަށް ނިޞްބަތްވާ 64 އަންހެން އަދި 288 ފިރިހެން ޒުވާނުން ބައިވެރިވާ ކަމަށާއި، ހުރިހާ ބައިވެރިންނަށްވެސް ސާބިތުކަމާއި ކާމިޔާބަށް އެދޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް އިފްތިތާޙު ކޮށްފައިވަނީ، މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިޕްރޮގްރާމުގެ 2 ބެޗުގައި ޖުމްލަ 680 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުވެފައެވެ. މިޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ވަޒީފާގެ ފުރުސަތު ފަހިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމުގައި ބައިވެރިވާ ކުދިންގެ ކިބައިގައި ދީނީ ކަންކަމަށް ފަރުވާތެރިވުމަށާއި، ސާފުތާހިރު ކަމަށް އަދި އަމިއްލައަށް ކަންކަން ކުރުމުގެ އާދަ އަށަގެންނެވުމާއި، ހަރުދަނާ ޝަޚުސިއްޔަތެއް ބިނާކުރުމަށް ބޭނުންވާ މުހިއްމު ކަންކަން ދަސްކޮށްދެއެވެ. މިޕްރޮގްރާމުގެ ސަބަބުން ކުދިންނަށް މުހިއްމު އާދަތަކެއް ދަސްވެ، ކުދިންނަށް ހެޔޮ ބަދަލެއް އަންނަކަން ބެލެނިވެރިން ފާހަގަކުރެއެވެ.