ޚަބަރު

ވޯލްޑް ކަޕަށް ދިޔަ ސޯމަލީޔޭގެ ރެފްރީއަށް އެމެރިކާއަށް ނުވަދެވުނު!


އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕަށް ދިޔަ ސޯމާލިޔާގެ ރެފްރީ އުމަރު އަރްތާން އެމެރިކާއަށް ވަނުން މަނާކޮށް އަނބުރާ ފޮނުވާލައިފި އެވެ.

ކޮންފެޑަރޭޝަންސް އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) ގެ 2025 ވަނަ އަހަރުގެ އެންމެ މޮޅު ރެފްރީގެ މަގާމު ހޯދާފައިވާ, އަރްތާން އެމެރިކާ އަށް ވަނުން މަނާކޮށް އޭނާ އަނބުރާ ފޮނުވާލާފައިވަނީ މަޔާމީ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.

އެމެރިކާއަށް ވަނުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލުމުން މި ވަގުތު ތުރުކީގައި ހުރި އަރްތާން އެމެރިކާއަށް ވަނުން މަނާކުރި ސަބަބެއް ރަސްމީކޮށް އެ ގައުމުން ހާމަކޮށްފައިނުވި ނަމަވެސް ސޯމާލިއާ އަކީ އެމެރިކާ ވަނުން މަނާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލް ޓްރަމްޕް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމެރިކާއަށް ވަނުން މަނާ ގައުމުތައް ހިމެނޭ ލިސްޓެއް ވަނީ އާންމުކުރައްވާފަ އެވެ.

އަރްތާން އަކީ މި ފަހަރުގެ ފީފާ ވާރލްޑް ކަޕްގެ މެޗުތަކުގައި ރެފްރީކަން ކުރާ 52 ރެފްރީންގެ ތެރޭގައި ހިމެނޭ ރެފްރީ އެކެވެ.

އަރްތާން ފީފާގެ ބެޖް ހޯދާފައިވަނީ 2018 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން އޭނާ ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރެފްރީކަން ކޮށްފަ އެވެ.

ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ފީފާ ވާރލްޑް ކަޕްގައި ވާދަކުރާ ގައުމު ތަކާއި އޮފިޝަލުންނާއިމެދު ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު މުބާރާތް ބާއްވާ ގައުމުތަކުން އަމަލުކުރުމަށް ފީފާގެ ގައިޑްލައިންގައި އޮތް ނަމަވެސް މި ފަހަރުގެ މުބާރާތުގައި އެއާއި ޚިލާފަށް އެތައް ކަމެއް ދަނީ ފެންނަމުންނެވެ.