ކުޅިވަރު

ސޯމާލިޔާގެ ރެފްރީ ވޯލްޑް ކަޕް ލިސްޓުން އުނިކޮށްފި


އެމެރިކާ އަށް އެތެރެ ނުވެވުނު ސޯމާލިޔާގެ ރެފްރީ އޮމަރް އަބްގުލްކާދިރް އާޓެން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރެފްރީގެ ލިސްޓުން އުނިކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ރެފްރީކަން ކުރުމަށް ހޮވުނު ސޯމާލިޔާގެ އާޓެން އަކީ އެފްރިކާގެ ވެސް އެންމެ ކުޅަދާނަ އެއް ރެފްރީ އެވެ. ހުސްވި އަހަރު އެފްރިކާގެ އެންމެ ރެފްރީ އެވެ. އެމެރިކާގެ މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހިފަހައްޓައި އެ ގައުމަށް އެތެރެ ވިޔަ ނުދިނުމުން މިހާރު އޭނާ ހުރީ ތުރުކީގަ އެވެ. ސޯމާލިޔާ އަކީ އެމެރިކާ އަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ވޯލްޑް ކަޕް ކުޅޭ 48 ގައުމުގެ ތެރެއިން މި ލިސްޓުގައި ހިމެނެނީ އިރާނާއި ހައިޓީ އެވެ.

މިމައްސަލާގައި ފީފާއިން ބުނީ މުބާރާތް ބާއްވާ ގައުމުގެ އިމިގްރޭޝަން ޕޮލިސީ އެ ޖަމާއަތަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

"ފީފާއިން ޔަގީންކަން ދެން މެޗު ރެފްރީ އޮމަރް އަބްދުލްކާދިގް އާޓެން އަށް ވޯލްޑް ކަޕުގައި ރެފްރީކަން ނުކުރެވޭނެކަން. އެއީ އެމެރިކާ އަށް އޭނާ އަށް އެތެރެވެވޭ ގޮތް ނުވުމުން. ފީފާއިން މުބާރާތް ބާއްވާ ގައުމުގެ އިމިގްރޭޝަން ކަންކަމާ ނުބެހެން،" ފީފާގެ ބަޔާނުގައިވެ އެވެ.

ސޯމާލިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މަޔާމީ އަށް އާޓެން ދިޔައީ އޭނާ އަށް ވިސާ ދީފައި އޮތުމުން ކަމަށެވެ. އަދި އޭނާ އެމެރިކާ އަށް އެތެރެ ކޮށްދިނުމަކީ ވަރަށް ބޮޑު ތަފާތު ކުރުމެއް ކަމަށާއި މިއީ ވަކި ބަޔަކާ ދެކޮޅަށް ނުވަތަ ވަކި މީހަކާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ އިތުރަށް ފުޓްބޯޅަ އަށް ހަމަހަމަކަމާއެކު ހިދުމަތް ކުރުމުގެ ފުރުސަތު ނިގުޅައިގަތުން ކަމަށެވެ.

މި މައްސަލާގައި އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބުނީ އާޓެން އެއާޕޯޓަށް ވަނުމާއެކު އޭނާގެ ލިޔެކިއުންތައް ބަލައި ޗެކް ކުރެވުނު ކަމަށާއި އެއަށްފަހު އެމެރިކާ އަށް އެތެރެވާން އޭނާ އަށް ހުއްދަ ދެވެން ނެތްކަން އެންގި ކަމަށެވެ.

އާޓެން އަކީ މި ފަހަރުގެ ވޯލްޑް ކަޕަށް ހޮވި ރެފްރީންގެ ތެރެއިން ލިސްޓުން އުނިކުރި ދެ ވަނަ ރެފްރީ އެވެ. މީގެ ކުރިން ވަނީ ނެދަލޭންޑްސްގެ ރެފްރީ އަކު ވެސް ލިސްޓުން އުނިކޮށްފަ އެވެ. އެއީ ކުޑަކުއްޖެއްގެ މައްސަލާގައި އޭނާ ޖަލުގައި ބަންދު ކުރުމުންނެވެ. ނަމަވެސް މި ރެފްރީގެ އެއްވެސް ކުށެއް ނެތް ކަމަށް ފުލުހުން ނިންމި ފަހުން އޭނާ ލިސްޓުން އުނިކުރުމުން ނެދަލޭންޑްސްއިން ވަނީ ފީފާ އަށް ފާޑުކިޔާފަ އެވެ.